Last Updated: July 1, 09:02
Tuesday, July 1, 2025
ޚަބަރު

ޓްރެފިކް މޮނިޓަރުން ނަމޫނާ ދައްކާނެ: ސީޕީ

ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގާ ޓްރެފިކް މޮނިޓަރުންގެ ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވާ ދަރިވަރުންނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްނަގައި ނަމޫނާ ދައްކާނެ ބަޔަކަށް ވާނެ ގަބޫލު ކުރައްވާ ކަމަށް ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް ހާއްސަކޮށްގެން ބޭއްވި "ރައްކާ" ރޯޑް ޝޯގެ ތެރެއިން މިލަންދޫގައި ބޭއްވި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގެ 115 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ، މިއީ ފުލުހުންނާއި ގުޅިގެން ސްކޫލް ކުދިންނަށް ހިންގޭ އެކްސްޓްރާކަރިކިއުލަ އެކްޓިވިޓީއެއްގެ ގޮތުގައި ފެއްޓެވި ޕްރޮގްރާމެއް ކަމަށެވެ.

އޭރު ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެކަންކަން މަޝްވަރާކޮށް ވާހަކަ ދައްކައިގެން ހައްލު ކުރެވި، މިއަދު މި ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށްވެފައި ކަމަށް ވިދާޅުވިއެވެ.

"މި ކުދިން މިއަދުން ފެއްޓިގެން ދައްކާނީ ނަމޫނާ. ރައްޓެހިންނަށް، ކުދިބޮޑު އެންމެނަށް، އާއިލާ މީހުންނަށް، އަދި ރަށަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް. ސްކޫލު ވަގުތު،" ނަވީން ވިދާޅުވި އެވެ. " ޓްރެފިކް މޮނީޓަރުން ސްކޫލުން ހަމަޖައްސަވާ ފަރާތްތަކާ އެކު އެއީ ކޯޑިނޭޓަރުންނާއި ޓީޗަރުންނާ އެކު އަދި ފުލުހުންގެ އެހީތެރިކަމާ އެކު ސްކޫލަށް އަންނަ މި ކުދިންގެ ރައްޓެހިން ކްލާސްމޭޓުން އަދި އެކުގައި ކިޔަވާ ހުރިހާ ކުދިންނަށް ނަމޫނާ ދައްކާނެ."

ސީޕީ ވަނީ މަގުތަކުގައި ދުއްވާ ފަރާތްތަކާއި ހިނގައިބިނގާވާ ހުރިހާ ފަރާތަކަށް އިރުޝާދު ދިނުމާއި، ޒިބްރާ ކްރޮސިންއިން މަގު ހުރަސްކުރާ ފަރާތްތަކަށް ތަން ދެއްކުމާއި، ސްކޫލްގެ ގޭޓު ކައިރީގައި ޕާކް ނުކުރުމަށް ނަސޭހަތްތެރިވުން ފަދަ ކަންކަން ތަމްރީނުވި ކުދިން ކުރާނެކަން ފާހަގަ ކުރައްވައުިފަ އެވެ.

ނަވީން ވިދާޅުވީ މި ޕްރޮގްރާމަކީ، އިސްނަގައި ރިވެތި ބަހުން މުޢާމަލާތްކޮށް ޒިންމާދާރު އަދި ބަސްއަހާ ޒުވާނުންތަކެއް ބިނާކުރުމަށް ކޮށޭ މަގެއް ކަމަށާއި، ބެލެނިވެރިން ކުދިންނަށް ހިތްވަރު ދެއްވުމަށް ވެސް އެދިވަޑައިގަންވާ ކަމަށެވެ.