އުތުރުތިލަފަޅުގައި ދޭން ވާނީ ހަމައެކަނި ގޯތި ކަމަށާއި އެތަނުގައި އެހެން ކަންކަން ކުރަން ނޫޅުމަށް އުތުރުތިލަފަޅު ޔޫނިއަންއިން މިއަދު ބުނެފި އެވެ.
އުތުރުތިލަފަޅުގައި ދަނޑުވެރިކަން ތަރައްގީކުރަން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ޒުވާނުން ރިހެބިލިޓޭޓުކުރުމަށް ސަރުކާރުން ތަރައްގީ ކުރަން ރާވާފައިވާ "ހޯޕް އައިލެންޑް" އެ ތަނުގައި އެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެ ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ އުތުރުތިލަފަޅުގައި އަޅަން ޖެހޭނީ ހޯޕް އައިލެންޑެއް ނޫން ކަމަށާއި އުތުރުތިލަފަޅަށް ވާން ޖެހޭ ގޮތަކީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ ގޮތަށް އެތަން ހިއްކައި، އެތަނުން ގޯތި ދިނުން ކަމަށެވެ.
"އަޅުގަނޑުމެން މި ގޮވާލަނީ އެ ސަރަހައްދަކީ ގޯތި ދިނުމަށް ކަނޑައެޅިފައިވާ ތަނެކޭ. އެހެންވީމާ އެ ތަނުން ގޯތި ދިނުން ފިޔަވައި ނުވަތަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި ގޯއްޗާއި ފްލެޓު ދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް އުތުރު ތިލަފަޅުގައި ކުރުމަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫނޭ،" އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ އެތަނުގައި ސެންޓްރަލް ޖަލަކާއި ހޯޕް އައިލެންޑެއް އަޅައި، މީހުން ދިރިއުޅުމަށް ގޯތި ދިނުމަށް ކުރަން ޖެހޭ ޚަރަދު މާބޮޑުވާނެ ކަމަށެވެ. އަދި ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް، ރައްޔިތުންނަށް ލިބިފައިވާ ފްލެޓުތަކާއި ގޯތިތައް، ކުރީ ސަރުކާރުން އެކަށައަޅައި ކަނޑައަޅާފައިވާ ގޯތިތަކާއި، ހުރިހާ ފްލެޓުތައް ދީ ނިންމުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
އުތުރުތިލަފަޅަކީ ދިވެހި ސިފައިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާ އެކު ކުރިން ތަރައްގީކުރަމުން ދިޔަ ތަނެކެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް ގޯތި ދިނުމަށް އުތުރުތިލަފަޅު ހިއްކަން ފަށާފަ އެވެ.