Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

އެމްއޭސީއެލްގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބާއްވައިފި އެވެ.

މި ޖަލްސާގައި އެމްއޭސީއެލްގެ ޗެއަރޕާސަން އައިޝާ ނޫރައިން ޖަނާޙް ވަނީ ބައިވެރިވަޑައިގެންފައެވެ. އަދި އެމްއޭސީއެލްގެ ބޯޑު މެމްބަރުންނާއި، ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން، އެކްސްކޯ މެމްބަރުން ވަނީ ބައިވެރިވަޑައިގެންފައެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާޙް ވިދާޅުވީ އެމްއޭސީއެލް އިން ފާއިތުވި އަހަރު ހޯދާފައިވާ ކާމިޔާބީތަކަކީ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށާއި އުންމީދަކީ އެމްއޭސީއެލްއަށް އިތުރު ކާމިޔާބީތައް ލިބިގެންދިއުން ކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ އެމްއޭސީއެލް އިން ފާއިތުވި އަހަރު ހޯދި ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެގޮތުގައި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން ކުންފުނީގެ ބޯޑަށާއި މެނޭޖުމަންޓަށް ވަނީ އަރުވައިފައެވެ.

ސީއީއޯ ޝަރީފް އިތުރަށް ވިދާޅުވީ އެމްއޭސީއެލްގެ އަމާޒަކީ އާ ޓާމިނަލް އާއެކު ކުންފުނިން ދެމުން އަންނަ ޚިދުމަތްތައް އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ފައިދާ އިތުރުކުރުން ކަމަށެވެ. އެގޮތުން އާ ޓާމިނަލް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިންގިލާބީ ބަދަލެއް ކަމަށް ވިދާޅުވިއެވެ.

އެމްއޭސީއެލްއަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާވަނީ ލިބިފައެވެ. މިދިޔަ އަހަރު ރިކަރަންޓު ޚަރަދުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހަރަދުވި ނަމަވެސް، ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ވަނީ 1.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލައިއިރު 32.2 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިއީ އެކުންފުނީގެ ތާރީހުގައި ވެސް މިވަރުގެ ބޮޑު ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.

އެމްއޭސީއެލްއިން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދާ މަސައްކަތަކަކީ އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ މަސައްކަތެވެ. އެމްއޭސީއެލްގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވިގެންދާއިރު، އެތަނު ޚިދުމަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްގައި އުމްރާނީ ގިނަ ވަސީލަތްތަކެއްވަނީ ޤާއިމްކުރެވިފައެވެ.