Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

އެކްސިޑެންޓުވުމުން ފިލި މީހަކު ހައްޔަރުކޮށްފި

ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މަޑުއްވަރި / ކޮކްނެޓްވިލާ، އާދަމް ޖަނާން މުޙައްމަދު (26އ) އެވެ. އޭނާ އަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ، މި މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު، ހުޅުމާލެ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައި ކަމަށާއި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ، އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވި މީހާއަށް ކަމަށްވާއިރު އެއީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި އެ މީހާއަށް ދަނީ ފަރުވާދެމުންނެވެ.

އެ މީހާގެފައި ތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ދުއްވި މީހުންނަކީ ވެސް އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލައާ ގުޅިގެން މި މަހުގެ 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އާދަމް ޖަނާން މުޙައްމަދު (26އ) ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.