Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

ޕެންޝަން އޮފީހުގެ ޗެއާޕާސަނަކަށް އިނާޒް

ޕެންޝަން އޮފީހުގެ ޗެއާޕާސަންކަމުގެ މަގާމަށް އެ މަގާމުގައި ކުރިން ވެސް ހުންނެވި ޑރ އަހުމަދު އިނާޒް އަލުން އައްޔަން ކުރައްވައިފި އެވެ.

އިނާޒު އެ މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ 2022 ގަ އެވެ. އޭނާގެ ދައުރު މި މަހުގެ 19 އަށް ހަމަވާތީ ޕެންޝަން އޮފީހުން ވަނީ އެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފަ އެވެ.

ޕެންޝަން އޮފީހުން ބުނީ އެ މަގާމަށް އިނާޒު އަލުން މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

އިނާޒްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއަރޕަރސަންއާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ 4 މެންބަރުންނެވެ.

ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުންގެ ދައުރަކީ ތިން އަހަރު ދުވަހެވެ.