Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

އާ ޓާމިނަލަކީ ޓޫރިޒަމަށް ލިބޭ އިންގިލާބީ ބަދަލެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލަކީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭ އިންގިލާބީ ބަދަލެއް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އަހަރީ އާންމު ޖަލްސާގައި ޝަރީފު ވިދާޅުވީ އެމްއޭސީއެލްގެ އަމާޒަކީ އާ ޓާމިނަލް އާއެކު ކުންފުނިން ދެމުން އަންނަ ޚިދުމަތްތައް އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ފައިދާ އިތުރުކުރުން ކަމަށެވެ. އެގޮތުން އާ ޓާމިނަލް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިންގިލާބީ ބަދަލެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ފާއިތުވި އަހަރު ހޯދި ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި އެގޮތުގައި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން ކުންފުނީގެ ބޯޑަށާއި މެނޭޖުމަންޓަށް ޝަރީފް ވަނީ އަރުވައިފަ އެވެ.

އެމްއޭސީއެލުން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދާ މަސައްކަތަކަކީ އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ މަސައްކަތެވެ. އާ ޓާމިނަލް ހުޅުވިގެންދާއިރު، އެތަނު ޚިދުމަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްގައި އުމްރާނީ ގިނަ ވަސީލަތްތަކެއް ވަނީ ޤާއިމުކޮށްފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ހާއްސަ 24 ކައުންޓަރެއް ގާއިމްކޮށްފައި ވެ އެވެ.

އާ ޓާމިނަލް ހުޅުވަން ހަމަޖެހިފައި އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ.