Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

ޓްރެފިކް މޮނިޓާކުރަން 3،000 ދަރިވަރުން ތަމްރީނުކޮށްފި

މިހާތަނަށް 3،000 އަށް ވުރެ ގިނަ ދަރިވަރުން ޓްރެފިކް މޮނިޓާސް ޕްރޮގްރާމްގައި ތަމްރީނުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެ އެވެ.

ށ. މިލަންދޫގައި ބޭއްވި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގެ 115 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނަވީން ވިދާޅުވީ ޓްރެފިކް މޮނިޓާސް ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށް، އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ފެށިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރެވޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައިކަން ފާހަގަކުރައްވަމުން، މިހާތަނަށް 3628 ދަރިވަރުން މި ޕްރޮގްރާމްގެ ދަށުން ތަމްރީން ކުރެވިފައިވާ ކަމަށް ނަވީން ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ތަމްރީނު ކުރެވުނު ދަރިވަރުން މަގުގައި ދުއްވާ ފަރާތްތަކާއި ހިނގައިބިނގާވާ ހުރިހާ ފަރާތަކަށް އިރުޝާދު ދިނުމާއި، ޒިބްރާކުރޮސިންއިން މަގު ހުރަސްކުރާ ފަރާތްތަކަށް ތަން ދެއްކުމާއި، ސްކޫލްގެ ގޭޓު ކައިރީގައި ޕާކް ނުކުރުމަށް ނަސޭހަތްތެރިވުން ފަދަ ކަންކަން ކުރާނެ ކަމަށް ނަވީން ވިދާޅުވި އެވެ.

މީގެއިތުރުން މި ޕްރޮގްރާމަކީ، އިސްނަގައި ރިވެތި ބަހުން މުޢާމަލާތްކޮށް ޒިންމާދާރު އަދި ބަސްއަހާ ޒުވާނުންތަކެއް ބިނާކުރުމަށް ކޮށޭ މަގެއް ކަމަށާއި، ބެލެނިވެރިން މިކުދިންނަށް ހިތްވަރު ދެއްވުމަށް ވެސް ސީޕީ ނަވީން އިލްތިމާސްކުރެއްވި އެވެ.