Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

ދަނޑުވެރިކަމަށް އައްޑޫން 104 ބިން ދޫކުރަނީ

އައްޑޫގެ ދަނޑެއްގައި ހުރި މިރުސް ގަސްތަކެއް ބޭރުގެ ބަޔަކު ބަލަނީ.

އައްޑޫގެ ދެ ސަރަހައްދަކުން ދަނޑުވެރިކަމަށް ގިނަ އަދަދެއްގެ ބިންތަކެއް ކުއްޔަށް ދޭން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ދަނޑުވެރިކަމަށް ބިން ދޫކުރަން ނިންމާފައި ވަނީ އޮޑައްސަލާއި އާރޭފް ސަރަހައްދުން ކަމަށެވެ. އެގޮތުން އޮޑައްސަލުން 59 އަދި އާރޭފުން 45 ބިން ކުއްޔަށް ދޭން ނިންމާފައިވެ އެވެ.

ބިންތައް ދޫކުރަނީ 20 އަހަރަށެވެ.

އެގޮތުން އާރޭފުން ދޫކުރަން ނިންމާފައި ވަނީ 5،600 އަކަފޫޓާއި 20،00 އަކަފޫޓްގެ ބިންތަކެވެ. މީގެ ތެރޭގައި އެންމެ ގިނައީ 10،000 އަކަފޫޓްގެ ބިންތަކެވެ. އެގޮތުން އެ ސައިޒްގެ 28 ބިން ދޫކުރަން ހަމަޖެހިފައިވެ އެވެ. އަދި 20،000 އަކަފޫޓްގެ 13 ބިން ހިމެނެ އެވެ.

އޮޑައްސަލުން ދޫކުރަން ނިންމާފައި ވަނީ 20،000 އަކަފޫޓުގެ 31 ބިމާއި 10،000 އަކަފޫޓްގެ 28 ބިމެވެ.

މި ބިންތަކުގެ ތެރެއިން އާރޭފުން ދޫކުރާ ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮގަސްޓް 13 އާ ހަމައަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވެވޭނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 24 އާ ހަމައަށެވެ. ފީ އަށް 300ރ. ދައްކަން ޖެހޭނެ އެވެ.

އޮޑައްސަލުން ދޫކުރާ ބިންތަކަށް ބީލަން ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ އޮގަސްޓް 14 އެވެ.