އައްޑޫ ސިޓީގެ ހަންކެޑެ އަކީ ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ހަންކެޑެ އަކީ ހަލާލް ޓޫރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން އެ މިނިސްޓްރީން އެ މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ހަލާލު ޓޫރިޒަމަކީ ހާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހުމާނުންނަށް ވެސް މެހުމާންދާރީ އަދާކުރެވޭގޮތަށް، ފަރުމާކުރެވިފައިވާ ހިދުމަތްތަކެއް ކަމަށާއި މި ކޮންސެޕްޓް ތަންފީޒުކުރެވިގެން ދާނީ ރިސޯޓު ތަރައްގީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިޒޯޓް އޮޕަރޭޝަންސްގެ މަރުހަލާގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.
ހަންކެޑެގައި ތަރައްގީ ކުރެވިގެންދާ ހަލާލް ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތު ކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެގޮތަށް ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިޞާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.
ހަލާލް ޓޫރިޒަމަށް ހަންކެޑެ ހާއްސަކުރަން ނިންމިއިރު، ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ މިސަރުކާރުން ވަނީ އޭޕްރީލް 16، 2024 ގައި އަޅާފަ އެވެ.
އެ މަޝްރޫއު ހަވާލުކޮށްފައި އޮތީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އެވެ.
އެ ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ. ހަންކެޑެ މަޝްރޫއަކީ 25،000 ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ.