ތައިލޭންޑްގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާ މަގާމުން އިސްތިއުފާ ދޭން ގޮވާލައި ބެންކޮކްގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފި އެވެ.
ޒުވާން އަންހެން ބޮޑުވަޒީރުގެ އިސްތިއުފާ އަށް ގިނަ ބަޔަކު އެންމެ ފުރަތަމަ ގޮވަން ފެށީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެގޮތުން އެކަމަނާ އިސްތިއުފާ ދޭން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ގޮވާލާފައިވާ އިރު، އިއްޔެ ބެންކޮކްގައި ބޭއްވި މުޒާހަރާ އަކީ، ވެރިކަން ކުރާ ޕާޓީ ފިއު ތައި ޕާޓީ 2023 ގައި ވެރިކަމަށް އައި ފަހުން އެ ޕާޓީއާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ.
އެ މުޒާހަރާގައި ބޮޑުވަޒީރަކީ ގައުމުގެ ދުޝްމަނެއް ކަމަށާއި އެ ކަމަނާ އަކީ މަގާމަށް ކުފޫ ވެސް ހަމަވާ ބޭފުޅެއް ނޫން ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެ އެވެ. އެހެންވެ އޮތް ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށާއި މުޒާހަރާތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ތައިލޭންޑްގެ ބޮޑުވަޒީރު އިސްތިއުފާ އަށް ގޮވައި މުޒާހަރާ ކުރަން ފެށި ސަބަބަކީ ބޮޑުވަޒީރާއި އަވައްޓެރި ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ހޫން ސެންއާ ދެމެދު ފޯނުން ދެކެވުނު ވާހަކައެއް ލީކުވުމާ ގުޅިގެންނެވެ. ލީކްވި ފޯނު ކޯލްގައި އޭނަ ވަނީ ތައިލެންޑުގެ އަސްކަރިއްޔާގެ އިސް އޮފިސަރަކަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައި އެވެ.
އޯޑިއޯ ލީކްވުމާ ގުޅިގެން ބޮޑުވަޒީރާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަން ފެށުމުން އެކަމަށް މައާފަށް އެދިވަޑައިގެން އިސްތިއުފާ ނުދެއްވާނެކަން އިއުލާން ކުރައްވާފައިވެ އެވެ.
ބޮޑުބަޒީރު ވިދާޅުވީ އެ ފޯން ކޯލަކީ އޭނާގެ އަމިއްލަ ފޯނުން ކުރި ކޯލެއް ކަމަށާއި ވާހަކަތައް ރެކޯޑްކޮށް އާންމުންނަށް ލީކްވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަނާ ވިދާޅުވީ އެ ގައުމުގެ އަސްކަރިއްޔާއަށް ވެދެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން އޮތީ ތައްޔާރަށް އޮތް ކަމަށެވެ.
ތައިލެންޑުގެ ފޮރިން މިނިސްޓްރީން ބުނީ ބޮޑުވަޒީރާއި ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރާ ދެމެދު ދެކެވުނު ސިއްރު ވާހަކަތަކެއްގެ ރެކޯޑިންއެއް ކެމްބޯޑިއާ އިން އާންމު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އުމުރުން 38 އަހަރުގެ ޕެޓޮންގްޓާންގެ އަކީ 2001-2006 އަށް ތައިލޭންޑްގެ ބޮޑުވަޒީރުކަން ކުރެއްވި ތަކްޝިން ޝިނަވަޓްރާގެ ދަރިކަނބަލެކެވެ. ޕެޓޮންގްޓާން ބޮޑުވަޒީރު ކަމަށް ވަޑައިގަތީ މިދިޔަ އަހަރު އޮގަސްޓް މަހު އެވެ.