Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ އެގައުމަށް ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުންނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާއި ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މުޙައްމަދު ލުވެއިޒް އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅު ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މިހާރަށްވުރެ ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކުން މަޝްވަރާކުރައްވާނެ އެވެ. މިގޮތުން ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން އެ މަނިކުފާނު މަޝްވަރާ ކުރައްވާނެ އެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ބިޒްނަސް ފޯރަމެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެއިތުރުން، އެމަނިކުފާނުގެ މިދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާނެ އެވެ.

މި އަހަރަކީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ.