Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

ހަންކެޑެ މަޝްރޫއު ހުއްޓާލުމަކީ އައްޑޫގެ ތަރައްގީއަށް އަޅާ ހުރަހެއް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ކުރީ ސަރުކާރުން ފެށި ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ކުރިއަށް ނުގެންގޮސް ހުއްޓާލުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހަންކެޑެ އަކީ ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އައްޑޫއަށް 400 މިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓުތައް އެމްޑީޕީން ޔަގީންކޮށްދީފައި ވަނިކޮށް، ހަންކެޑެ ހަލާލް ޓޫރިޒަމަށް ހާއްސަކުރީ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓައިލުމަށް ކަމަށެވެ.

"ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ. އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓގައި ހިއްކާފައިވާ ރަށްރަށް ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ. އެ ރަށްރަށް އޮއްވައި ހަންކެޑެ މަޝްރޫއު ހުއްޓުވައިލަން މި ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ހަންކެޑެ މަޝްރޫއުއަކީ ހުރިހާ ޕްލޭނެއް ނިމިފައިވާ، ފައިސާ ހަމަޖެހިފައިވާ އައްޑޫގެ ޓޫރިޒަމް އަދި އައްޑޫގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މުހިންމު މަޝްރޫއުއެއް ކަމަށެވެ.

"އަދިވެސް އެ ފައިސާ ރާއްޖެ ގެނެސް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުމުގެ ވާހަކަ ދައްކަމުންދާތީ. އެކަން ވެސް ކުރެވިފައި ނުވޭ. މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއް. އައްޑޫގެ ރައްޔިތުން އިގުތިސޯދީ ގޮތުން ބާރުވެރި ކުރުވުމުގެ ތަސައްވުރު އޮތީ އެމްޑީޕީގައި،" ފައްޔާޒު ވިދާޅުވި އެވެ.

ހަލާލް ޓޫރިޒަމަށް ހަންކެޑެ ހާއްސަކުރަން ނިންމިއިރު، ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ މިސަރުކާރުން ވަނީ އޭޕްރީލް 16، 2024 ގައި އަޅާފަ އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައި އޮތީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އެވެ.

އެ ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ. ހަންކެޑެ މަޝްރޫއަކީ 25،000 ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ.