Last Updated: July 1, 07:54
Tuesday, July 1, 2025
ކުޅިވަރު

މެސީގެ އިންޓަ މަޔާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާއަށް

ލިއޮނެލް މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މަޔާމީ 4-0 އިން ބަލިކޮށް ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ފްރާންސްގެ ޕީއެސްޖީ ޖާގަ ހޯދައިފި އެވެ.

މެސީ ވަނީ 2023 ވަނަ އަހަރު އިންޓަ މަޔާމީއަށް ބަދަލު ވުމުގެ ކުރިން ޕީއެސްޖީއާ އެކު ދެ ސީޒަން ކުޅެފަ އެވެ. ނަމަވެސް ޕީއެސްޖީއާއެކު މާ އެދެވޭ ކާމިޔާބެއް މެސީއަށް ހޯދިފައެއް ނުވެ އެވެ.

ގަދަ 16 ގައި މިރޭ އިންޓަ މަޔާމީއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި ފެނިގެންދިޔަ ހަތަރު ގޯލުވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގަ އެވެ. ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ޖައޯ ނެވޭސް އެވެ.

އިންޓަ މަޔާމީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވެސް ގޯލެއް ވަދެފައިވާއިރު، ޕީއެސްޖީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަޝްރަފް ހަކީމީ އެވެ. ދެވަނަ ހާފުގައި ޕީއެސްޖީ އަށް ވަނީ ލީޑު ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.

ކުއާޓާގައި ޕީއެސްޖީ ބައްދަލުކުރާނީ ބަޔާން މިއުނިކް އާއި ބްރެޒިލްގެ ފްލަމެންގޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.