Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

ހަލާލް ޓޫރިޒަމްގެ އެންމެ މަތީ ފަންތިއަށް ރާއްޖެއަށް ދެވޭނެ

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް

ހަލާލް ޓޫރިޒަމްގެ އެންމެ މަތީ ފަންތިއަށް ރާއްޖެއަށް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ގިނަ ރަށްތަކެއް ކަނޑައެޅުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ އިއުލާންކުރައްވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ހއ، ހދ، ށ، ތ އަދި ލ އަތޮޅުގެ ފަސް ޕްރޮޖެކްޓެއް ހަލާލު ޓޫރިޒަމަށް ހުޅުވާލައިފަ އެވެ. އަދި އައްޑޫ ސިޓީގެ ހަންކެޑެ ވެސް ވަނީ ހަލާލު ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅައިފަ އެވެ. ނަމަވެސް، އެތަން އަދި ބިޑަށް ހުޅުވައެއް ނުލަ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ތޯރިގު ވިދާޅުވީ ހަލާލް ޓޫރިޒަމަކީ ރާއްޖޭގައި އަލަށް ކުރާ ކަމަކަށް ވާތީ ބޭރު ދުނިޔޭގައި މި ސިނާއަތް ކުރިއަށްގެންދާ ގޮތް ކައިރިން ބަލައިގެން ދަސްކުރުމުން ހަލާލް ޓޫރިޒަމްގެ އެންމެ މަތީ ފަންތީގައި ރާއްޖެއަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އެގޮތުން ފާއިތުވި 50 އަހަރުތެރޭ ރާއްޖޭގެ ޓޫރިޒަމުން އެކަން ދައްކާފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.

މިދިޔަ އަހަރު ދުނިޔޭގެ ހަލާލް ޓޫރިޒަމްގެ އާމްދަނީއަކީ 274 ބިލިއަން ޑޮލަރުކަން ފާހަގަކުރައްވަމުން ތޯރިގު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވާއިރު މިފަދަ ސިނާއަތެއްގެ ތެރެއަށް ވަނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ދިވެހިންނަކީ ޓޫރިޒަމްގެ އާ ދާއިރާތަކަށް ވަދެގެން ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބައެއް ކަމަށާއި ހަލާލް ޓޫރިޒަމާއެކު ރާއްޖޭގެ ބްރޭންޑް ވެސް އިތުރަށް ރަނގަޅުވެގެންދާނެ ކަމަކަށް ވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހަލާލް ޓޫރިޒަމްގައި ދޫކުރާ ރަށްރަށް ނިންމަން ތިން އަހަރު ދުވަސް ލިބޭއިރު، ރިސޯޓުތަކުގައި އިސްލާމީ އުސޫލުތަކަށް ހާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެގޮތުން އެ ރިސޯޓުތަކުގައި ވިއްކޭނީ ވެސް ހަލާލް ސެޓިފައިޑް ކާބޯތަކެތި އެކަނި ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގެ އަމާޒު މިހާރު ހުރީ ޙަލާލް ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ގައުމަކަށް ވުމަށް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޙަލާލް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ޚާއްޞަކޮށް ގިނަ ރަށްތަކެއް ސަރުކާރުން ކަނޑައަޅާއިރު އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.