Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

ހަންކެޑެ، ހަލާލް ޓޫރިޒަމަށް ހާއްސަކުރުމަކީ ގޯހެއް

އައްޑޫ ސިޓީގެ ހަންކެޑެ ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުމަކީ ގޯހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން ފެށި ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ކުރިއަށް ނުގެންގޮސް، ހަންކެޑެ އަކީ ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އައްޑޫ އަކީ ހާއްސަ އަޅާލުމެއް އަޅާލަންޖެހޭ ތަނެއް ކަމަށާއި އައްޑޫގައި ޓޫރިޒަމްގެ އެއްވެސް ކަމެއް ނެތްއިރު، ހަންކެޑެ އަށް ދަށް ފެންވަރުގެ ޕްރޮޑަކްޓެއް އައިސްގެން ނުވާނެ ކަމަށެވެ. އައްޑޫ އަށް ހައްގު މިންވަރަކީ އެއީ ނޫން ކަމަށާއި ހަލާލް ޓޫރިޒަމަކީ "އެކްސްޕެރިމެންޓަލް ޕްރޮޑަކްޓެއް" ކަމަށް ޔާމީން ވިދާޅުވި އެވެ.

"އައްޑޫގައި މިހާ ދިގު އިންތިޒާރަކަށް ފަހު އަނެއްކާވެސް ޓެސްޓު ނުކުރާ، ޓްރަޔަލް ޕްރޮޑަކްޓެއްގެ ތެރެއަށް މި ވައްޓާލީ ހަންކެޑެ. މިއީ ވަރަށް ގޯސްކޮށް ކުރާ ކަމެއް. މިގޮތަކަށް ޓެސްޓް އައުޓް ކުރާނެ ކަމެއް ނެތް. އައްޑޫގައި ކަމެއް ކުރެވޭތޯ ބަލަންވީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ ހަންކެޑެ އަށް ރާއްޖޭގައި މިހާރުވެސް ހިންގަމުންދާ ޓޫރިޒަމް ގެނައުމަށްފަހު އެހެން ތަނަކަށް ހަލާލް ޓޫރިޒަމް ތައާރަފްކުރަން ގޮވާލާފަ އެވެ. އަދި މިފަދަ ނިންމުމެއް ނިންމިއިރު ސަރުކާރުން އައްޑޫ ރައްޔިތުންނާއި މަޝްވަރާ ވެސް ނުކުރާ ކަމަށާއި މިއީ ކަމުދާ ގޮތެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

ހަލާލް ޓޫރިޒަމަށް ހަންކެޑެ ހާއްސަކުރަން ނިންމިއިރު، ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ މިސަރުކާރުން ވަނީ އޭޕްރީލް 16، 2024 ގައި އަޅާފަ އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައި އޮތީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އެވެ.

އެ ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ. ހަންކެޑެ މަޝްރޫއަކީ 25،000 ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ.