ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ނިސްބަތްކޮށް ސިންގަޕޫރްގައި އޯކިޑް މަލުގެ ބާވަތަކަށް ނަން ދީފި އެވެ.
އެކަމަށްޓަކައި ބޭއްވި ހަފުލާ އޮތީ ނެޝަނަލްް އޯކިޑް ގާޑަންގަ އެވެ. ރައީސްގެ ދެކަނބަލުންނަށް ނިސްބަތްކޮށް އޯކިޑްގެ މަލުގެ ބާވަތަކަށް ދީފައިވާ ނަމަކީ "ވީއައިޕީ އޯކިޑްސް" އެވެ.
އެ މަލުގެ ފޮޓޯއަކާއި އޭގެ ތައާރަފެއް ހިމެނޭ ލިޔުމެއް ވެސް ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަ އަށް އަރުވާފައިވެ އެވެ.
މީގެ ކުރިން ވެސް ސިންގަޕޫރުން ބޭރު ގައުމުތަކުގެ އިސްވެރިންނަށް ނިސްބަތް އޯކިޑް މާތަކަށް ނަން ދީފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުރީގެ ބައެއް ރައީސުން ވެސް ހިމެނެ އެވެ.
ސިންގަޕޫރަށް ރައީސް ވަޑައިގެންނެވީ އިއްޔެ އެވެ. އަންނަ ބުދަ ދުވަހާ ހަމައަށް ކުރައްވާ މި ދަތުރަކީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.