މި އަހަރު ބޮލީވުޑަށް ތައާރަފުވި ޒުވާން ދެ ތަރިން ކަމަށްވާ އިބްރާހީމް އަލީ ޚާން (އިގީ) އާއި ރާޝާ ތަޑާނީ ރޮމޭންޓިކް ކޮމެޑީއެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް މީޑިއާތަކުން ބުނީ އެ ދެ މީހުން މިހާރު އާ ފިލްމަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ވޯކްޝޮޕްތަކެއްގައި ވެސް ބައިވެރިވަމުން އަންނަ ކަމަށެވެ. އެކަމަކު އިގީ، 24، އާއި ރާޝާ، 20، އެކީގައި ކުޅޭ ފިލްމަކީ ކޮން ޕްރޮޑަކްޝަން ހައުސްއެއްގެ، ކާކު ޑައިރެކްޓްކުރާ ފިލްމެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ އުންމީދީ މި ދެ ތަރިންނަކީ ވެސް ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ހިއްސާވާ ޓެލެންޓް މެނޭޖްމަންޓް އެޖެންސީ، ދަރުމާ ކޯންސްޓޯން އެޖެންސީން މެނޭޖްކުރާ ދެ ތަރިންކަމެވެ.
މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "އާޒާދު" އިން ތައާރަފުވި ރާޝާ އަކީ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަންގެ ދަރިއެކެވެ. އިގީ އަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދަރިއެކެވެ. އޭނަގެ ފުރަތަމަ ފިލްމަކީ މާޗްގައި ނެޓްފްލިކްސް އިން ގެނެސްދިން ދަރުމާގެ "ނާދާނިޔާން" އެވެ. އިގީގެ ކުރިއަށް އޮތް ފިލްމަކީ އެ ސްޓޫޑިއޯގެ "ސަރުޒަމީން" އެވެ.
ސައިފާއި ރަވީނާގެ ދަރިން އެކީގައި ފިލްމަކަށް ތައްޔާރުވަމުން އަންނަ އިރު، އެ ދެ ތަރިން ވެސް އެކީގައި ފިލްމެއް ކުޅެފައިވެ އެވެ. އެއީ 1994 ގެ "އިމްތިހާން" އެވެ.