ރާއްޖޭގެ ޖަމްއިއްޔާތަކުގެ ގައުމީ ފޯރަމް އަންނަ އޮގަސްޓް ބާއްވަން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ ފޯރަމް ބާއްވާނީ އޮގަސްޓް 27-30 އަށެވެ.
ފޯރަމްގައި ރާއްޖޭގެ ވީހާ ވެސް ގިނަ ޖަމްއިއްޔާތަކަށް ފުރުސަތު ދިނުމަށްޓަކައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްތްރީން ބުންޏެވެ.
ފޯރަމާ ގުޅެ ގޮތުން ޔޫތު މިނިސްޓްރީގެ ރަޖިސްޓަރާ އަލީ ޝަކީލް ވިދާޅުވީ ޖަމިއްޔާތަކުގެ ފޯރަމަކީ ވަރަށް ވެސް މުހިންމު ފޯރަމެއް ކަމަށެވެ.
"އެހެންވެ ނިއީ ގިނަ ޖަމްއިއްޔާތަކުން ފޯރަމްގައި ބައިވެރިވެ، ކަރުދާސްތައް ހުށަހެޅި ޖަމްއިއްޔާތައް ކުރިއަށް ދިއުމުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތަކުގެ ހައްލު ހޯދުމަށްޓަކައި ސައުކާރުގެ އެކިއެކި އިދާރާތަކުގެ ކަމާ ބެހޭ ބޭފުޅުންނާއެކު އިށީނދެ ހައްލުތަކެއް ލިބިގެން ދާނެ ފޯރަމެއް." އޭނަ ވިދާޅުވި އެވެ.
މި އަހަރަކީ މަދަނީ ޖަމިއްޔާތަކުގެ ގައުމީ ފޯރަމް ބާއްވާ ދެވަނަ އަހަރެވެ.
ޝަކީލު ވިދާޅުވީ މިފަދަ ފޯރަމްތަކުގެ ސަބަބުން ގިނަ ޖަމްއިއްޔާތަކެއް އެއް ތަނަކަށް އެއްވެ އެ ޖަމްއިއްޔާތަކުގެ ހުރި ތަފާތު ތަޖުރިބާތައް ހިއްސާކޮށް، އެއް ޖަމްއިއްޔާ އަނެއް ޖަމްއިއްޔާއާ ދެމެދު ގުޅުން ވެސް ބަދަހި ކުރެވޭނެ ކަމަށެވެ.