އަންނަ އޮގަސްޓް މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ލޯބިން" ގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި އެވެ.
ލޯބީގެ ތަފާތު ވާހަކައެއް ކިޔައިދޭނެ މި ފިލްމަކީ އިލްޔާސް ވަހީދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ތުރިލާއެކެވެ. "ލޯބިން" ގެ މައިގަނޑު ކާސްޓުންނަކީ އަހުމަދު ޝާރިފާއި ތާތި އާދަމްގެ އިތުރުން އޭނަގެ ފިރިމީހާ އިފްނާޒް ފިރާގެވެ.
މި ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި ނުޒުހަތު ޝުއައިބު (ނުޒޫ) އާއި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާމް ވެސް ހިމެނެ އެވެ.
އޮގަސްޓް މަހުގެ 6 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "ލޯބިން" އަކީ އިއްލެގެ އައި ފިލްމްސް އާއި އިންގިޖިނަސް ވިޝުއަލް ފެކްޓްރީގެ އިތުރުން ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
ޝޫޓި ނިންމާލައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމުގެ ޓީޒާއަކާއި ލަވައެއް ދާދި ފަހުން ވަނީ އާންމުންނަށް ދޫކޮށްލައިފަ އެވެ.
އިއްލެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ބިރުވެރި ފިލްމު "ކަންބަޅި" އެވެ.