ގާނޫނު ހަދާ މަޖިލީހަކީ ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރާ ހަރުދަނާ އުސޫލުތަކެއް ހިފަހައްޓާ ތަނަކަށް ހަދަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ގާނޫނު ހަދާ މަޖިލީހުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ މި ދުވަސް ފާހަގަކުރާއިރު ޑިމޮކްރަސީ ދަމަހައްޓައި ހެޔޮ ވެރިކަމެއް ކުރިއެރުވުމުގައި ގާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.
ރައީސް ވިދާޅުވީ ގާނޫނު ހަދާ މަޖިލިސްތަކުގައި އަންހެނުންގެ ދައުރު ކުޑަވުމަކީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން މިންތީގެ ހަމަހަމަކަން ގާއިމުވެފައިވާ މަޖިލީހެއް އޮތްކަން ކަށަވަރު ކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.