މި އަހަރުގެ މާޗްގައި ގެނެސްދިން "ނާދާނިޔާން" އިން އެކްޓިން ފިލްމީ ދަތުރު ފަށައިގަތް، ބޮލީވުޑްގެ ޒުވާން އެކްޓަރު އިބްރާހީމް އަލީ ޚާން (އިގީ) ދެވަނަ ފިލްމު، "ސަރުޒަމީން" އަންނަ މަހުގެ 25 ގައި ގެނެސްދޭން ނިންމައި އޭގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ މި ވަތަނީ އެކްޝަން ތުރިލާ އަކީ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު، ކެޔޯޒް އިރާނީގެ ޑައިރެކްޝަނެކެވެ. މިދިޔަ މާޗްގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ނާދާނިޔާން" އާ ހިލާފަށް "ސަރްޒަމީން" ގައި ސައިފް އަލީ ޚާންގެ ދަރިފުޅު، އިގީ، 24، ފެންނަނީ ވަރަށް ސީރިއަސް ރޯލަކުންނެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ފިލްމަކީ އުންމީދީ އެކްޓަރު އެންމެ ފުރަތަމަ ކުޅުނު ފިލްމުކަމެވެ. އަދި "ނާދާނިޔާން" އާ އެއްގޮތަށް "ސަރްޒަމީން" ވެސް ސިނަމާތަކަށް ގެންނަ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ. މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައި ވަނީ ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ ޖިއޯހޮޓްސްޓާއިންނެވެ.
ކަޝްމީރުގައި ގިނަ މަންޒަރުތަކެއް ނަގާފައިވާ "ނާދާނިޔާން" ގެ ކާސްޓްގައި ކާޖޮލް އާއި މީގެ ކުރިން ވެސް ބޮލީވުޑްގެ ފިލްމުތަކެއް ކުޅެފައިވާ މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ވެސް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބަތަލާ ސާރާ އަލީ ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އިގީ މިހާރު އަންނަނީ ރާވީނާ ޓަންޑަންގެ ދަރިފުޅު، ރާޝާ ތަޑާނީއާ އެކު ރޮމޭންޓިކް ކޮމެޑީއެއްގެ މަސައްކަތް ކުރަމުންނެވެ.