ބޭންކް އޮފް މޯލްޑިވްސް( ބީއެމްއެލް) އިން ޑެބިޓު ކާޑުތަކުގެ ލިމިޓް ބޮޑުކުރީ ސްކޭމެއް ގޮތަށް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ވިދާޅުވީ ޑެބިޓް ކާޑު ބޭނުންކޮށްގެން އާންމުކޮށް ދިވެހީން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމުމުން ހަގީގަތުގައި ޑެބިޓު ކާޑުތައް ބޭނުންކޮށްގެން 500 ޑޮލަރުގެ ވިޔަފާރި ނުކުރެވޭނެ ކަމަށެވެ.
"އޭގެ މާނައަކީ 250 ޑޮލަރުގެ ވިޔަފާރިކޮށްފިއްޔާމުން 75 ޑޮލަރު، 30 ޕަސެންޓް ޓެކްސްގެ ގޮތުގައި ނުވަތަ އިތުރަށް އެ ބޭފުޅުން ނަގާ ފީގެ ގޮތުގައި ނަގާނެ ވާހަކަ އެއީ،" ނާޒިލު ވިދާޅުވި އެވެ. "ފަސްސަތޭކަ ޑޮލަރާ ހަމައަށް ވިޔަފާރި ކުރެވެންޏާ 158 ޑޮލަރުވަރު 150 ޑޮލަރުވަރު އެބަ ޗާ ކުރޭ. އެހެންވީމާ 500 ޑޮލަރެއް ނުލިބޭ، ހަމަ ބޮޑު ސްކޭމެއް އެއީ."
ގައުމީ ބޭންކުން މިއަދު ބުނީ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާ އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުން ކުރެވޭ އަދަދު އިތުރުކުރުމަށްޓަކައ،ި މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލް ކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައި ވާނެ ކަމަށެވެ.
އެގޮތުން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށް ދިނުމާ އެކު އޭޓީއެމުން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޑޮލަރު ކަމަށާއި. އޭޓީއެމްތަކުން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޑޮލަރު ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އޮންލައިންކޮށް ކުރާ ވިޔަފާރިތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެފަދަ ދިވެހިން ވިޔަފާރިކުރާ އެފަދަ އާންމު ޕްލެޓްފޯމްތަކުން ވިޔަފާރިކުރާ އިރު، 30 ޕަސެންޓާއާ ހަމައަށް ފީއެއް ނެގޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ