ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލި ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތު ރަސްމީކޮށް އިފުތިތާހްކޮށްފި އެވެ.
މީރުމާ ބިލްޑިންގުގެ ކާނިމާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ސިޔާސަތު މިއަދު އިފުތިތާހްކޮށް ދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ.
މި ސިޔާސަތަކީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެމީ ހުންނަށް ފޯރުކޮށް ދޭ ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ ފުރުސަތު ފަހިކުރުމަށްޓަކައި އެކުލަވާލާފައިވާ ސިޔާސަތެކެވެ. އަދި މި ސިޔާސަތުގެ މައިގަނޑު މަޤްސަދަކީ ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ޙިމާޔަތްކޮށް ކަށަވަރު ކުރުމެވެ.
މި ސިޔާސަތާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ މިއީ ޞިއްޙީ ދާއިރާގައި ހުރި ތަފާތުތައް ކުޑަކުރުމާއި، ޚިދުމަތްތައް ފޯރުކޮށް ދިނުން ރަނގަޅު ކުރުމުގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ދައްކުވައިދޭ ކަމެއް ކަމަށެވެ.
"މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، ޞިއްޙީ އިދާރާތައް، ލޭބަ މެނޭޖްމަންޓް، އިމިގްރޭޝަން އަދި އެހެނިހެން އިދާރާތަކުގެ މެދުގައި ދެމެހެއްޓެނިވި އެއްބާރުލުން ބޭނުން ވާނެ،" އޭނަ ވިދާޅުވި އެވެ. "މީގެ ތެރޭގައި އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، އަދި އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ސަޤާފީ ގޮތުން އެކަށީގެންވާ ފަރުވާ ދިނުމުގެ ޤާބިލުކަން ލިބިދިނުން ހިމެނޭ"
ބިދޭސީންގެ ޞިއްޙަތާ ގުޅޭ ޤައުމީ ސިޔާސަތު އަމާޒުކޮށްފައި ވަނީ މައިގަނޑު 5 ދާއިރާއަކަށެވެ. އެއީ މުޅި ސަރުކާރާއި މުޅި މުޖުތަމަޢުގެ ނަޒަރިއްޔާތުތައް ބަދަލުކުރުމާއި ބިދޭސީންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ލިބިދިނުމާއި ސައްޙަ މަޢުލޫމާތު އެއްކުރުމާއި ބޭނުން ކުރުމާއި ނާޒުކުކަން ކުޑަކުރުމުގެ އިތުރަށް ނިޒާމުތައް ޤާއިމުކުރުމެވެ.