Last Updated: July 16, 11:54
Thursday, July 16, 2026
ޚަބަރު

ހަންކެޑެ މަޝްރޫއުގެ ކޮންސެޕްޓް ބަދަލުކުރަން ދެކޮޅު

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން - ފޮޓޯ: މަޖިލިސް

އައްޑޫ ސިޓީގެ ހަންކެޑެ މަޝްރޫއުގެ ކޮންސެޕްޓް ބަދަލުކުރަން ދެކޮޅު ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން ފެށި ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ކުރިއަށް ނުގެންގޮސް، ހަންކެޑެ އަކީ ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ހަންކެޑެ މަޝްރޫއު ހުއްޓާލާ, އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްޤީކުރަން ނިންމި ނިންމުމާއި، އައްޑޫގެ ގިނަ ރައްޔިތުންނެކޭ އެއްގޮތަށް އޭނާވެސް ދެކޮޅު ކަމަށެވެ.

ހަންކެޑެ މަޝްރޫއު އަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްޤީކުރަން ނިންމާފަވާ މަޝްރޫއެއް ކަމަށާއި މި ސަރުކާރު ވެރިކަމަށް އައިއިރު ލޯނު އެއްބަސްވުމުގަ ސޮއިކޮށްފައި ނުވިނަމަވެސް، ލޯނުގެ ކަންކަން އޮތީ ވަރަށް އެޑްވާންސްޑް ސްޓޭޖެއްގައި ކަމަށާއި އަދި ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއިން ބައެއް ވެސް އޭރު ދައްކާފައިވާ ކަމަށެވެ.

"މި ސަރުކާރުން ނިންމީ ކުރީ ސަރުކާރުން ފަށާފައި އޮތް ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދަން. 2024 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު 'މަޝްރޫޢު އިފްތިތާޙުކުރުމަށް' ބޮޑު ރަސްމިއްޔާތެއް ބޭއްވި. އޭގެ ފަހުން ކުއްލިއަކަށް މިހާރު އެ މަޝްރޫއު ކެންސަލްކޮށް އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްޤީކުރަން ސަރުކާރުން މިވަނީ އިއުލާންކޮށްފަ. މިއީ ކަންބޮޑުވާ ކަމެއް،" އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ ހަންކެޑެ މަޝްރޫއަށް ބޭނުންވާ ލޯނުގެ ކަންކަން މަޑުޖެހިފައިވަނީ ދިވެހި ސަރުކާރުން, ޗައިނާގެ އެކި ބޭންކުތަކަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްދިނުމަށް އެދުމާ ގުޅިގެން ކަމަށެވެ. އަދި ދެއިރު ދެދަޅައަށް އާ ނަމެއް ކިޔާފަ މަޝްރޫއެއް އިއުލާން ކުރިއަސް، އައްޑޫއަށް އިންވެސްޓު ކުރާނެ ބަޔަކު ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އައްޑޫ އަކީ ފަތުރުވެރިކަން އެހާ ބޮޑަށް ކުރިއަރާފައިވާ ސަރަހައްދަކަށް ނުވާތީ، އަބަދުވެސް އައްޑޫއަށް މި ގޮންޖެހުން ކުރިމަތިވާއިރު، އައްޑޫގަ ހުރި ބައެއް ރަށްތައް ޑިސްކައުންޓު ރޭޓުތަކުގައި އިއުލާން ކުރުމުންވެސް އިންވެސްޓު ކުރާނެ ބަޔަކު ނުވާކަން އަޒާން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ސަރުކާރާއި، އައްޑޫގެ ވިޔަފާރިވެރިންނާއި ކައުންސިލް ހިމެނޭ ގޮތަށް ހަންކެޑެ މަޝްރޫޢު ހިމަނައިގެން އައްޑޫ މާކެޓް ކުރުމަށް އެތައް މަސައްކަތެއް ކުރެވި އަދި ކުރެވެމުން ދަނިކޮށް، އަދި ކޮންޓްރެކްޓަރަކާ ހަވާލުކުރެވި, ރާއްޖޭގެ ތަރައްޤީގެ ބޮޑު ބައިވެރިއެއް ކަމަށްވާ ޗައިނާގެ ބޭންކަކުން ލޯނެއް ނަގަން ތައްޔާރުވެފައި އޮތް މަޝްރޫއެއް، ކަމާ ގުޅޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް، ކުއްލިއަކަށް ހުއްޓާލުމަށް ނިންމުމަކީ ބޭންކުތަކާއި އިންވެސްޓަރުންގެ އިތުބާރުވެސް ގެއްލޭނެ ކަމެއް ކަމަށް އަޒާން ވިދާޅުވި އެވެ. އަދި މި ނިންމުން ބަދަލުކުރަން ވެސް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.