Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

ބޭރު ސައިޓްތަކުން ފީ ނެގުމަކީ ރައްޔިތުންނަށް ޖެއްސި ބުރައެއް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ދިވެހިން އެންމެ ގިނައިން މުދާ ގަންނަ ބޭރުގެ ސައިޓްތަކުން ވިޔަފާރިކުރާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ބީއެމްއެލް އިން ނިންމި ނިންމުމަކީ ރައްޔިތުންނަށް ޖެއްސި ބުރައެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އިން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ނިންމާފައިވާ ސައިޓްތަކުގެ ތެރޭގައި ހިމެނެނީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މި ފީ ނަގާނީ ރުފިޔާ އެކައުންޓްތަކުން ކުރާ ވިޔަފާރިތަކަށް އެކަންޏެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ގިނަ ބަޔަކު ބޭނުންކުރާ އީ-ކޮމާރސް ޕްލެޓްފޯމްތަކުން ކުރާ ބޭރު ފައިސާގެ މުޢާމަލާތްތަކަށް ބީއެމްއެލްއިން ނަގާ 30 ޕަސެންޓް ފީއަކީ މީގެ ކުރިން ނުރަސްމީ ގޮތެއްގައި އޮތް ޑޮލަރު-ރުފިޔާ މާކެޓަށް ރަސްމީ ހައިސިއްޔަތެއް ދީ، މަތީ އެކްސްޗޭންޖް ރޭޓެއް ދެމެހެއްޓުމަށް މަގުފަހިކުރާ ކަމެއް ކަމަށެވެ.

މިއަދު ގިނަ އެކްސްޗޭންޖް ރޭޓްތަކެއް ބޭނުންކުރާ ނިޒާމެއް ރަސްމީކުރުމުގެ ހިސާބަށް ދިޔުމަކީ މި ސަރުކާރުގެ ފެއިލިއާއެއް ކަމަށާއި މިއީ އިޤްތިޞާދީ ހަމަޖެހުމެއް ނެތް، ނުބައިކޮށް ހިންގާ އިޤްތިޞާދެއްގެ ނިޝާނެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި މިއީ ނުބައި އިޤްތިޞާދީ އަދި ބޭރު ފައިސާގެ ސިޔާސަތުތަކުގެ ސިލްސިލާއެއްގައި އިތުރު ކަންބޮޑުވާންޖެހޭ ފިޔަވަޅެއް ކަމަށްވެސް ވިދާޅުވި އެވެ.

ފައްޔާޒު ވަނީ ސިޔާސަތުތަކުގެ ނާކާމިޔާބީގެ ބުރަ އާންމު ރައްޔިތުންގެ ބޮލުގައި އެޅުވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި ގެއްލުންތަކެއް ވުމުގެ ކުރިން، ޤާބިލު ފަންނީ މާހިރުންނާއި ވިޔަފާރި ދާއިރާގެ ފަރާތްތަކާއެކު މަޝްވަރާކޮށް، އަވަސް ގޮތެއްގައި މިކަން ރަނގަޅު މަގަށް އެޅުވުމަށް ސަރުކާރަށް ގޮވާލާފަ އެވެ.