ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފުރިހަމަ ތަނެއް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ބުނެފި އެވެ.
އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެމްއޭސީއެލް އިން އަންނަނީ ހާއްސަ ޓުއަރ ތަކެއް ހިންގަމުންނެވެ. އަދި މި ޓުއަރ ތަކަކީ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދަންޖެހޭ ޓުއަރ ތަކެކެވެ.
އޮރާޓަކީ އެއާޕޯޓެއް ނުވަތަ އާ ޓާމިނަލެއް ހުޅުވުމުގެ ކުރިން އެތަނުގެ ހިދުމަތްތަކާއި ޕްރޮސީޖަރތައް ތައްޔާރުކުރުމާއި، އިކުއިޕްމެންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި، އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާ އަދި ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި އެއާޕޯޓު ނުވަތަ ޓާމިނަލް ޤައުމީ އަދި ބައިނަލްއަގްވާމީީ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވޭތޯ ކަށަވަރުކުރުމެވެ.
ސީއޭއޭގެ ޓީމަކަށް އިއްޔެ އެއާޕޯޓުގެ އާ ޓާމިނަލްގެ ޓުއަރ ދީފައިވާއިރު މި ޓުއަރ އަށްފަހު ވާހަކަދައްކަވަމުން ސީއޭއޭގެ އެއަރ ޓްރާންސްޕޯޓްގެ ޑިރެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ އާ ޓާމިނަލުގެ ހުރިހާ ކަމެއް ވެސް ހުރީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށާއި އާ ޓާމިނަލް ބޭނުންކުރައްވާ ހުރިހާ ފަސިންޖަރުންނަށް ވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ޖުލައި 26 ވަނަ ދުވަހުއެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތް އެމްއޭސީއެލް އިން އަންނަނީ ކުރަމުންނެވެ.