Last Updated: July 1, 09:02
Tuesday, July 1, 2025
ޚަބަރު

އާ ޓާމިނަލްގައި ހިދުމަތްދޭ 300 މުވައްޒަފުންނަށް ހާއްސަ ތަމްރީންތަކެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގައި ފަސިންޖަރުންނަށް ހިދުމަތްދޭ 300 މުވައްޒަފުންނަށް ހާއްސަ ތަމްރީނުތަކެއް އެމްއޭސީއެލުން ފަށައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ އެއީ މި މަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވާއިރު އެތަނުގައި ހިދުމަތް ދޭ މުވައްޒަފުންނަކީ ހިދުމަތް ހޯދާ ފަސިންޖަރުންނަށް ހިނިތުންވުމާއި، އޯގާތެރިކަމާއި، ދިވެހީންގެ މެހުމާންދާރީއާއެކު މުއާމަލާތްކޮށް ހިދުމަތް ދޭނެ ގާބިލު ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށެވެ.

އެ ތަމްރީނުތައް ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންކަމަށާއި ފުރަތަމަ ބެޗު ކުރިއަށްގެންދާނީ އަންނަ މަހުގެ ނުވަވަނަ ދުވަހާ ހަމަޔަށް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އެ ބެޗުގައި 150 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރާނެކަމަށާއި އޭގެ ތެރޭގައި އާ ޓާމިނަލުގައި ހިދުމަތް ދޭން އަލަށް ނެގި މުވައްޒަފުންނާއި މިހާރުގެ ޓާމިނަލުގައި ހިދުމަތް ދެމުން އަންނަ މުވައްޒަފުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

އެ ތަމްރީނުތަކުގައި ކިޔަވައިދެނީ ކަސްޓަމާ ސާވިސް ޓްރެއިނިން ދިނުމުގައި ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަދި ކޯޗް މަސްއޫދު އަލީ އެވެ.

މުވައްޒަފުންގެ ތަމްރީނުތަކާ ގުޅޭ ގޮތުން ފަސިންޖާ ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުޝްތާގު ވިދާޅުވީ އެއާޕޯޓުން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަކީ އަބަދުވެސް އެންމެ އިސްކަންދޭނެ ފުރަތަމަ ކަންތައް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

"އާ ޓާމިނަލެއް ހުޅުވާއިރު، އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްޓަކައި އެތަނުގެ މުވައްޒަފުންނަކީ ފަސިންޖަރުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް، ކުޅަދާނަ އަދި ގާބިލު މުވައްޒަފުންނަށް ހެދުމަށް އެމްއޭސީއެލުން ހާއްސަ ސަމާލުކަމެއް ދޭނެ." އަލީ މުޝްތާގު ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ސެކްޝަންގެ ޖެނެރަލް މެނޭޖަރު މިސްބާހު އަހުމަދު ވިދާޅުވީ، ޖާގައިގެ ގޮތުން ތަނަވަސް އަދި ފުރިހަމަ ޓާމިނަލެއް ހުޅުވާއިރު އެތަނުން ދެވޭ ހިދުމަތަކީވެސް މަތީ ފަންތީގެ ހިދުމަތްތަކަށް ވުން މުހިންމު ކަމަށެވެ. އެގޮތުން ކަސްޓަމާ ސާވިސް ޓްރައިނިން ޕްރޮގްރާމަކީ އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކީ ހިދުމަތް ދިނުމުގައި ހިތްހެޔޮކަމާއެކު ފަސިންޖަރުންނަށް މެހުމާންދާރީ ފޯރުކޮށްދޭ ބައެއްކަން ކަށަވަރު ކުރުމަށް ހިންގާ ތަމްރީނުތަކެއް ކަމުގައި މިސްބާހް ވިދާޅުވިއެވެ.

މިނިވަންދުވަހާ ގުޅުވައިގެން ހުޅުވަން ނިންމާފައިވާ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ އާ ޕަސެންޖާ ޓާމިނަލް ވެގެންދާނީ އެތަނުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތި އަދި ޒަމާނީ ވަސީލަތްތައް ގާއިމުވެފައިވާ ތަނަވަސް ޓާމިނަލަކަށް ކަމަށާއި ޓާމިނަލް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު އެކި ދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.