Last Updated: July 1, 09:02
Tuesday, July 1, 2025
ޚަބަރު

ރައީސް، ސިންގަޕޫރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސް މުއިއްޒު އާއި ބޮޑުވަޒީރު ވޯންގް ވަނީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރުމުގެ ރަން ޖުބިލީއާ ދިމާކޮށް ކުރިއަށްދާ މި ދަތުރުފުޅުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުން ކޮށްފައިވާ އަގުހުރި މަސައްކަތްތަކާމެދު މަޝްވަރާކުރައްވައި، އައު މާކެޓްތަކަށް މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރުމުގެ ތެރެއިން އިޤްތިޞާދީ ތަފާތު ދާއިރާތައް ތަރައްޤީކުރުމާމެދު ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ. އަދި 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ ސަރުކާރުގެ ލަނޑުދަނޑިއާ އެއްގޮތަށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އެހީތެރިވެދޭނެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.

މީގެއިތުރުން، އަސާސީ ތަޢުލީމާއި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ދާއިރާގައާއި، ޕްލޭނިންގެ ފަންނީ ތަޖުރިބާ ޙިއްސާކުރުމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.

ކުދި ޖަޒީރާ ޤައުމުތަކެއްގެ ހައިސިއްޔަތުން، ރާއްޖެއާއި ސިންގަޕޫރުން ވަނީ ޚާއްޞަކޮށް ތިރި ޖަޒީރާ ޤައުމުތަކަށް ނުރައްކާތެރި ބިރެއްކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ފަދަ އެކުގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުގައި އެކުގައި އަޑުއުފުލުމަށް ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރަން ޖެހޭކަމަށް ދެ ބޭފުޅުން ވެސް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ރައީސާއި ބޮޑުވަޒީރު ވަނީ އަޒުމް އާކުރައްވާފަ އެވެ.