Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

ގުރުއާން ހިތުދަސްކުރާ މީހުންގެ އަދަދު 1،434 އަށް

ރާއްޖޭގައި ޤުރުއާން ހިތުދަސްކުރަމުންދާ ފަރާތްތަކުގެ އަދަދު 1،434 އަށް އަރައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގުރުއާން ހިތުދަސްކޮށްދޭ 20 ސެންޓަރެއްގައި 1،434 ފަރާތަކުން ކިޔަވަމުން އަންނަ ކަމަށެވެ. އެއީ 783 އަންހެން އަދި 651 ފިރިހެނުންނެވެ.

މި ސަރުކާރު އައި ފަހުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރްއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަ ގެންދެ އެވެ. އަދި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފަ އެވެ.

މީގެއިތުރުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވެ އެވެ. އަދި ހުޅުމާލޭގައި ކީރިތި ޤުރްއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައިވެސް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފަ އެވެ.

ޤުރުއާން ހިތުދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޢުމްރާ އަށް ފޮނުވުމުގެ ޕްރޮގްރާމެއް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ފަށާފަ އެވެ.

މީގެއިތުރުން ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.