Last Updated: July 1, 09:02
Tuesday, July 1, 2025
ޚަބަރު

މަޖިލީހުން ފާސްނުކޮށް އެއްވެސް ފީއެއް ރައްޔިތުންގެ އަތުން ނުނެގޭނެ

ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން - ފޮޓޯ: ދެން

ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް އެއްވެސް ފީއެއް ރައްޔިތުންގެ އަތުން ނުނެގޭނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައިމިވަނީ ދިވެހިން އެންމެ ގިނައިން މުދާ ގަންނަ ބޭރުގެ ސައިޓްތަކުން ވިޔަފާރިކުރާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ބީއެމްއެލް އިން ނިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އަލީ ހުސެއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނެތި އެއްވެސް ޓެކްސެއް ނުވަތަ ފީއެއް ރައްޔިތުންގެ އަތުން ނުނެގޭނެ ކަމަށެވެ.

"މިއީ ކޮން ގާނޫނަކުން ބާރުލިބިގެން ނަގާ "ފީ" އެއް؟ ޓެކްސް އެކޭ ނުކިޔަންވެގެން ފީ އޭ ތިޔަކިޔަނީ ދޯ؟،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މިއީ ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް އެރުމުން ހަދާނެ ގޮތް ހުސްވެގެން ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ރައްޔިތުންގެ ގައިގައި އޮބިއަޅައިގެން ނެތް ދިޔަ ފެލާއިރު ސަރުކާރުގެ ވެރިން މިހާރުވެސް އުޅުއްވަނީ ބޭރުދަތުރުތައް ކުރުމުގައި އަވަދިނެތި ކަމަށް ވިދާޅުވި އެވެ.

ބީއެމްއެލް އިން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ނިންމާފައިވާ ސައިޓްތަކުގެ ތެރޭގައި ހިމެނެނީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މި ފީ ނަގާނީ ރުފިޔާ އެކައުންޓްތަކުން ކުރާ ވިޔަފާރިތަކަށް އެކަންޏެވެ.

އެ ފީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުން އަދި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތައް ނުހިމެނޭ ކަމަށް ބީއެމްއެލްއިން ބުންޏެވެ.