ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް ޓީމޫއިން ތަކެތި ގަންނަން މަހަކު 7 މިލިއަން ޑޮލަރު ދިވެހިން ހަރަދުކުރާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ބީއެމްއެލްއިން ޑެބިޓް ކާޑުތަކަށް ދެމުން އައި 250 ޑޮލަރުގެ ލިމިޓް މާދަމާއިން ފެށިގެން 500 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފަ އެވެ. މި ނިންމުމުގެ އިތުރަށް ދިވެހިން އެންމެ ގިނައިން މުދާ ގަންނަ ބޭރުގެ ސައިޓްތަކުން ވިޔަފާރިކުރާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ވެސް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.
ބީއެމްއެލް އިން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ނިންމާފައިވާ ސައިޓްތަކުގެ ތެރޭގައި ހިމެނެނީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މި ފީ ނަގާނީ ރުފިޔާ އެކައުންޓްތަކުން ކުރާ ވިޔަފާރިތަކަށް އެކަންޏެވެ.
މި ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާއިރު، އެ ނިންމުން ދިފާއުކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބީއެމްއެލް އިން ބުނީ ބޭރު ގައުމުތަކުން ކުރާ ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭ ކަމަށާއި އޭގެ ތެރެއިން 75 ޕަސެންޓް ފައިސާ ހޭދަކުރަނީ އޮންލައިން އީ ކޮމާސް ޕްލެޓްފޯމުތަކަަށް ކަމަށެވެ.
އެ ޕްލެޓްފޯމުތަކުގެ ތެރޭގައި ޝެއިން, ޓީމޫ, ލަޒާޑާ, އަލީ އެކްސްޕްރެސް, އީބޭ އަދި އަލީ ބާބާ ހިމެނޭއިރު ޓީމޫއިން އެކަނިވެސް ދިވެހިން މަހަކު ހަތް މިލިއަން ޑޮލަރުގެ ވިޔަފާރިކުރާ ކަމަށް ބީއެމްއެލްއިން ބުންޏެވެެ.
ބީއެމްއެލް އިން ވަނީ މި ބަދަލު ގެނެސްފައިވަނީ މުޖުތަމައުގެ ވީހާ ވެސް ގިނަ ބަޔެއްގެ ފައިދާއާއި ހަމަހަމަކަމަށް އިސްކަން ދިނުމަށް ކަމަށް ބުނެފަ އެވެ.