މާދަމާ އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް އިތުރުކުރުމަކީ ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވިފައިވާ މަކަރުވެރި ރޭވުމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފޭސްބުކް ޕޯސްޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވީ އީ-ކޮމާސްއަށް ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް 30 ޕަސެންޓްގެ ފީއެއް ނެގުމުގެ ސަބަބުން މުދާ އޮންލައިންކޮށް ގަންނައިރު ޑޮލަރު ރޭޓު ހަޤީގަތުގައި ބްލެކް މާކެޓަށް ވުރެ ބޮޑުވާނެ ކަމަށެވެ.
"މިއީ ހަމައެކަނި ބޭރު ފައިސާގެ މައްސަލައެއް ނޫން . މިއީ ސަރުކާރުން ބޭރުގެ ފައިނޭންސިން ހޯދުމާއި ރިޒާވް ޒިންމާދާރުކަމާއެކު މެނޭޖް ކުރުމުގައި ފެއިލްވުމުގެ ސަބަބުން އުފެދުނު ފައިސާގެ ދަތިކަމުން ބީއެމްއެލްއިން ފައިދާ ނެގުން." ޝާހިދު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މިއީ އިސްލާހުގެ ބަދަލުގައި، އާންމު ދިވެހި ޢާއިލާތަކުގެ މައްޗަށް އިޤްތިޞާދީ ބުރަ ބަދަލުވެ، ހަމަހަމަކަން ގެއްލި، ދުނިޔޭގެ މުދަލަށް ވާސިލުވުމުގެ ފުރުސަތު ހަނިވެ، އަދި ދިރިއުޅުމުގެ ޚަރަދުގެ ހާލަތު އިތުރަށް ގޯސްވުވަށް ހުޅުވުނު ދޮރެއް ކަމަށެވެ.
"މި ސިޔާސަތުން މައްސަލަ ހައްލެއް ނުވޭ. އާންމު ރައްޔިތު މީހާއަށް ވީ ގެއްލުން." ޝާހިދު ވިދާޅުވި އެވެ.
ޑެބިޓް ކާޑުގެ މުއާމަލާތްކަށް ގައުމީ ބޭންކުން ގެންނަން ނިންމި ބަދަލާ ގުޅިގެން ވަރަށް ގިނަ ފާޑުކިޔުންތައް އެ ބޭންކަށާއި ސަރުކާރަށް މިހާރު އޮތީ އަމާޒުވެފަ އެވެ.