Last Updated: July 2, 11:33
Wednesday, July 2, 2025
ޚަބަރު

ސިންގަޕޫރަކީ ރާއްޖެ އިން ނަމޫނާއެއްގެ ގޮތުގައި ބަލާ ގައުމެއް

ސިންގަޕޫރަކީ ރާއްޖެ އިން ނަމޫނާއެއްގެ ގޮތުގައި ބަލާ ގައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޖޭން އިޓޯގީ ޝަންމުގަރަނަމް، ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ބޭއްވި ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަފާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުން ދެއްވި މެހުމާންދާރީއަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފަ އެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ދަތުރުފުޅެއް ކަމަށާއި ސިންގަޕޫރުން ހޯދި ކުރިއެރުންތަކަކީ ރާއްޖެއިން ނަމޫނާއެއްގެ ގޮތުގައި ބަލާ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ބައްލަވާލައްވައި، ދެޤައުމުގެ ތަޖުރިބާތަކުން ކޮންމެ ޤައުމަކަށް ހާސިލްކުރެވިދާނޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމާއި މާލީ އަދި ވިޔަފާރީގެ ދާއިރާއިން ސިންގަޕޫރު ހޯދާފައިވާ ކާމިޔާބީތަކަކީ މީގެ ބައެއް މިސާލުކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންދެވުނު ރަސްމީ ވާހަކަތަކާއި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ނަތީޖާތަކަށް މަރުޙަބާ ވިދާޅުވި އެވެ.

ބައިނަލްއަޤްވާމީ ލޮޅުންތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް ޝަންމުގަރަނަމް ވަނީ ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި، ޚާއްޞަކޮށް، މޫސުމީ ވިލުންތެރިކަމާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކުގައި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ.

ރަސްމީ ފަރިއްކޮޅުގެ ކުރިން، ރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޝަންމުގަރަނަމް އާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ހަނދާނީ ސްޓޭމްޕެއް ނެރެދެއްވާފަ އެވެ.