މި ދުވަސްވަރު އައްޑޫގައި އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފެތުރެމުންދާތީ ސަމާލުވުމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއިއެޗް) އިން އިލްތިމާސްކޮށްފި އެވެ.
އޭއީއެޗުން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފެތުރެމުންދާކަން ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.
ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
* އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހިއަޅާ އިރު އަނގަޔާއި ނޭފަތް ޓިޝޫއެއް ފަދަ އެއްޗަކުން ނިވާކުރުމާއި، އެ ރައްކާތެރި ގޮތުގައި ނައްތާލުން
* ހުން އައިސް ރޯގާ ޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އަދި ހާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުދިއުން
* ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން އަދި ބޭރުތެރޭގައި އުޅޭ އިރު ސެނިޓައިޒާ ބޭނުންކުރުން
* ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން ކައިރި އަށް ނުދިއުމާއި ކުދިން އުރައި ނެހެދުން
* ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލް ނުކުރުން
* އަރިދަފުސް ރޯގާ ފަދަ ނޭވާލާ ނިޒާމުގެ ބަލިޖެހުމުން ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން
އޭއީއެޗުން ވަނީ މި ދުވަސްވަރު ބަލިވެގެން ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހާއާ އެކީ ވީހާ ވެސް މަދު ބަޔަކު ހޮސްޕިޓަލަށް ދިއުމާއި އެނދުމަތިކުރެވިފައިވާ މީހުންނަށް ޒިޔާރަތްނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.