ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވަހީދު ކަފާލާތުގެ ދަށުން ދޫކޮށްދޭން އެދި ބަންދު މުރާޖައާކޮށް ދިނުމަށް އެދިއްޖެއެވެ.
އޭނަގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ފެށީ އިއްޔެ އެވެ.
އެ މައްސަލައިގައި ޝަމްއާންގެ ފަރާތުން ވަނީ އޭނަ ކަފާލާތުގެ ދަށުން ދޫކޮށްލުން އެދި ބަންދު މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅައިފައެވެ. އެހެންވެ ދެން އޮންނަ އަޑުއެހުމެއްގައި އެ ބައި ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ޝައްމާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ އެވެ.
ޝައްމާން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމި މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކުރުމުން މިދިޔަ މަހުގެ 18 ގައި އެ ކޯޓުން ވެސް ވަނީ އެ ނިންމުން ދަމަހައްޓައިފަ އެވެ.