Last Updated: July 3, 14:09
Thursday, July 3, 2025
މުނިފޫހިފިލުވުން

'ޑެވިލް ވެއާސް ޕްރާޑާ 2' ގެ މަސައްކަތް ފަށައިފި

އާންމުންގެ ވަރަށް ބޮޑު ބޮޑު މަގުބޫލު ކަމެއް ހޯދި ހޮލީވުޑްގެ މަޝްހޫރު ފިލްމު "ދަ ޑެވިލް ވެއާސް ޕްރާޑާ" ގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފި އެވެ.

އެކަން އެ އުފައްދާ ޓުވެންޓިއެތު ސެންޗަރީ ފޮކްސް ސްޓޫޑިއޯސް އިން ސޯޝަލް މީޑިއާގައި ޕޯސްޓެއްގައި ހިއްސާކޮށްފައިވެ އެވެ.

ކޮމެޑީ-ޑްރާމާއެއްގެ ގޮތުގައި 2006 ގައި ގެނެސްދިން "ޑެވިލް ވެއާސް ޕްރާޑާ" އަކީ ހަމަ އެ ނަމުގައި ލިޔުންތެރިޔާ ލޯރެން ވެއިޒްބާސް 2003 ގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ޑޭވިޑް ފްރޭންކެލް ޑައިރެކްޓްކޮށް ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެކެވެ. އޭގެ މައިގަނޑު ކާސްޓުންނަކީ މެރީލް ސްޓްރީޕާއި އޭން ހެތަވޭ އާއި ސްޓޭންލީ ޓަކީ އާއި ސައިމަން ބޭކާ އާއި އެމިލީ ބްލަންޓްގެ އިތުރުން އެޑްރިއެން ގްރެނިއާ އެވެ.

ޖުމްލަ 41 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން "ޑެވިލް ވެއާސް ޕްރާޑާ" އަކީ ބޮކްސް އޮފީހުގައި 326.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ޑެވިލް ވެއާސް ޕްރާޑާ 2" ވެސް ޑައިރެކްޓްކުރަނީ ޑޭވިޑެވެ. އަދި ކުރީގެ ބައިގެ ބައެއް ތަރިން އާ ފިލްމުގައި ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ސްޓްރީޕް، ހެތަވޭ، އެމިލީ، އަދި ޓަކީ ހިމެނެ އެވެ.