ސަކާރުން މިހާރު ރާއްޖޭގައި ހަލާލު ޓޫރިޒަމަށް ފުރުސަތު ހުޅުވާލައި އައްޑޫ ހަންކެޑެ ވެސް އެ ކޮންސެޕްޓްގެ ދަށުން ތަރައްގީ ކުރަން ނިންމި ނަމަވެސް އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ އައްޑޫ ފޭދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ވަޑައިގެންނެވުމުގެ ކުރިން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރެއްވި މެންބަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ "ހަލާލު ޓޫރިޒަމް ކޮންސެޕްޓަށް ހަންކެޑެ ތަރައްގީ ކުރަން ތާއީދު ނުކުރާ" ކަމަށާއި "އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާ" ކަމަށެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމަށް ހަންކެޑެ ތަރައްގީ ކުރަން ނިންމައި، އެ މަޝްރޫއު މި ސަރުކާރުން އިފުތިތާހު ވެސް ކޮށްފައި ވަނިކޮށް ހަލާލު ޓޫރިޒަމް ހާއްސަކުރި ތަންތަނުގެ ތެރޭގައި ހަންކެޑެ ހިމެނޭކަން ސަރުކާރުން ހާމަކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެކަމާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، މިއީ ހަންކެޑެ މަޝްހޫރު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ހަންކެޑެ ޓޫރިޒަމަށް ތަރައްގީ ކުރަން މި ސަރުކާރުން އެ މަޝްރޫއު ރަސްމީކޮށް ލޯންޗްކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ. ނަމަވެސް މިހާތަނަށް ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ. އެ ޕްރޮޖެކްޓް ހަވާލުކޮށްފައި އޮތީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އެވެ.
ހަންކެޑެ ޕްރޮޖެކްޓަކީ ޖުމްލަ 1،041 ކޮޓަރީގެ މަޝްރޫއެކެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ. ހަންކެޑެ މަޝްރޫއަކީ 25،000 ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ.
އެނގިފައިވާ ގޮތުގައި ހަންކެޑެ ތަރައްގީ ކުރުން ނުފެށި އޮތީ މިކަމަށް ބޭނުންވާ ފަންޑް ސީއެންއީއީސީ އަށް އަދި ހޯދިފައި ނުވާޔީ އެވެ.
ހަލާލު ޓޫރިޒަމް ކޮންސެޕްޓްގެ ދަށުން ތަރައްގީ ކުރަން ނިޒާރު ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވީ ޕީއެންސީ އަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް އެކަމާ ދެކޮޅު ކަމަށް ވިދާޅުވެފައިވެ އެވެ.