Last Updated: July 3, 11:27
Thursday, July 3, 2025
މުނިފޫހިފިލުވުން

މުދައްސަރުގެ އާ ފިލްމަށް ސާރާ އާއި އަޔޫޝްމަން

ޑައިރެކްޓަރު މުދައްސަރު އަޒީޒުގެ އާ ފިލްމުގެ ލީޑަށް އަޔޫޝްމަން ކްރާނާ އާއި ސާރާ އަލީ ޚާން ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ޖޯޑު ސްކްރީނަށް ގެންނަން އުޅޭ ވާހަކަ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ދެކެވިފައިވެ އެވެ. ލިންކްވިލާ އިން ބުނީ އަޔޫޝްމަނާއި ސާރާ ހިމަނައިގެން މުދައްސަަރު ހަދަން ނިންމާފައި ވަނީ އޭނަގެ އާންމު ޖޯންރާ ކަމަށްވާ ކޮމެޑީއެއް ކަމަށެވެ.

އެ ނޫހުން ބުނި ގޮތުގައި ބުޝަން ކުމާރުގެ ޓީ ސީރީޒާއި "އިއްތިފާގު" ގެނެސްދިން ޕްރޮޑިއުސަރު ޖޫނޯ ޗޯޕްޅާ ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމުގެ ޝޫޓިން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ ނޮވެމްބަރަށް ފިލްމުގެ ޝޫޓިން ނިންމައިލުމަށް ފަހު، ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

"ކޭލް ކޭލް މޭ" އާއި "ހެޕީ ބާގް ޖާއޭގީ" ފަދަ ފިލްމުތައް ގެނެސްދިން މުދައްސަރުގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "މޭރޭ ހަޒްބަންޑް ކީ ބީވީ" އެވެ. އޭގެ ތަރިންނަކީ އަރުޖުން ކަޕޫރާއި ރަކުލް ޕްރީތު ސިންގުގެ އިތުރުން ބޫމީ ޕިޑްނޭކަރެވެ.

ސާރާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ހުކުރު ދުވަހު ގެނެސްދޭ ޑައިރެކްޓަރު އަނޫރާގް ބާސޫގެ އެންތޮލޮޖީ "މެޓްރޯ: އިން ދި ނޯ" އެވެ. ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އަޔޫޝްމަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މެޑޮކް ފިލްމްސްގެ ވެމްޕަޔާ ފިލްމު "ތާމާ" ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސާރާ އާއި އަޔޫޝްމަނަށް ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކުން ވެސް ފުރުސަތު ލިބިފައިވެ އެވެ.