މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ސިންގަޕޫރު ކޯޕަރޭޝަން އެންޓަރޕްރައިޒް (އެސްސީއީ) އާއެކު ރާއްޖޭގެ ދައުލަތް ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ގެ ހިންގުމާއި މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އާއި އެސްސީއީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ޓޭ ލިއަން ޗިއުއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމް 2025 ގަ އެވެ. މި ރަސްމިއްޔާތުގައި ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ފަހުމުނާމާގެ ދަށުން ދެޤައުމުގެ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ ހަރުދަނާ ބިންގަލެއް ޤާއިމުކުރެވި، ދެޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޕާޓްނަރޝިޕްގެ މަޤްޞަދަކީ ސިންގަޕޫރުގެ ޕަބްލިކް ސެކްޓަރގެ ފުޅާ ޢިލްމާއި ނަމޫނާ އާދަތައް ބޭނުންކޮށްގެން ރާއްޖޭގައި މުހިންމު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ފަހުމުނާމާގެ ދަށުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި:
1- ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުން.
2- މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމުގެ ހަރުދަނާ އޮނިގަނޑުތަކެއް ޤާއިމުކުރުން. މީގެ ތެރޭގައި މައިގަނޑު މަސައްކަތުގެ ފެންވަރު ދައްކުވައިދޭ މިންގަނޑުތަކާއި (ކޭޕީއައި) ޖަވާބުދާރީވުމުގެ ނިޒާމުތައް އެކުލަވާލުން ހިމެނޭ.
3- ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މާލީ ހިންގުމާއި، ހިންގުމުގެ ހަރުދަނާކަމާއި، ވިޔަފާރީގެ އެންމެ ރަނގަޅު އުސޫލުތައް ގެންގުޅުން ހަރުދަނާކުރުން.
މި ފަހުމުނާމާގެ ސަބަބުން ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.