Last Updated: July 3, 11:57
Thursday, July 3, 2025
ޚަބަރު

އެޗްޕީވީ ވެކްސިން 505 ދަރިވަރަކަށް ދީފި

އެޗްޕީވީ ވެކްސިން މާލެ ސަރަހައްދުގެ ފަސް ސުކޫލަކުން 505 ދަރިވަރަކަށް ދީފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މާލެ ސަރަހައްދުގެ ސުކޫލުތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ދުނިޔޭގެ ވެކްސިން ހަފްތާ އާއި ގުޅިގެން ރޭވުނު ހަރަކާތްތަކުގެ ތެރެއިން ޤައުމީ ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިން ތަކުގެ ކަވަރޭޖް ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

އެގޮތުން މިދިޔަ މަހު ބޭއްވި މި ހަރަކާތުގައި އިމާދުއްދީން ސްކޫލް، ސަލާހުއްދީން ސްކޫލް، ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް އަދި ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެޗްޕީވީ ވެކްސިންއަކީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން 10 އަހަރުގެ އަންހެން ކުދިންނަށް ދެވޭ ވެކްސިނެކެވެ.

މި ވެކްސިންއަކީ ހިއުމަން ޕެޕިލޯމާ ވައިރަސް އިން ޖެހޭ ކެންސަރު ތަކުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. އެޗްޕީވީ ފެތުރުން މަދުކުރުމަށް ވެކްސިން ޖަހާ އާބާދީ ބޮޑުކޮށް ކަވަރޭޖް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.