Last Updated: July 3, 11:57
Thursday, July 3, 2025
ޚަބަރު

ގައުމީ ޤުރުއާން މުބާރާތަށް މުއްދަތު އިތުރުކޮށްފި

މި އަހަރު ބާއްވަން ހަމަޖެހިފައިވާ 37 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވާން ދިން މުއްދަތު އިތުރުކޮށްފި އެވެ.

ސެޕްޓެމްބަރު މަހުގެ 18 ގައި ފަށަން ނިންމާފައިވާ މުބާރާތުގައި ބައިވެރިވާން ރިތި ޤުރުއާނާ ބެހޭ މަރުކަޒުން ފުރަތަމަ ސުންގަޑި ހަމަވީ މިދިޔަ މަހުގެ 29 އަށެވެ. ނަމަވެސް މިހާރު ބައިވެރިވުމުގެ މުއްދަތު މި މަހުގެ 4 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް މަރުކަޒުން މިއަދު ބުންޏެވެ.

މުބާރާތުގައި ބައިވެރިިވާން ރަޖިސްޓްރީ ވާނީ މި ލިންކް one.gov.mv/entities/CHQ މެދުވެރިކޮށެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް މުބާރާތް ކުރިއަށް ގެންދާނީ ހަމަޖެހިފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ.

ޙާފިޒުންގެ ބައިގައި ބައިވެރިވެވޭނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން މުޅި ޤުރުއާން ހިތުދަސް ބައިވެރިންނަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭ ކޮންމެ މުއައްސަސާއަކަށް ވެސް މި ބައިގައި ބޭނުން ޢަދަދަކަށް ހާފިޒުން ބައިވެރި ކުރެވިދާނެ އެވެ. އަމިއްލަ ގޮތުން ވެސް ބައިވެރިވެވޭ އިރު އެ ބަޔަށް ޙާފިޒުކަމުގެ ސަނަދު ހުށަހަޅަން ޖެހެ އެވެ.

މުއައްސަސާތަކުގައި ބައިގައި މިފަހަރު ބައިވެރިވެވޭނީ ކަމާބެހޭ އިދާރާއެއްގައި އުނގަންނައި ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކިޔަވައިދޭ ތަންތަނަށެވެ. ސްކޫލް ކުދިންގެ ބައިން ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލް މަދަރުސާތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 5 އާ ދެމެދުގެ ދަރިވަރުންނަށެވެ.

މި މުބާރާތް ބާއްވަމުން އަންނަނީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕާއި ހާފިޒުންގެ ގޮފި ހިމެނޭ ގޮތަށެވެ.

މި މުބާރާތުގައި ކޮންމެ ބަޔަކުން ގަދަ ތިނެއް ހޮވާނެ އެވެ. އަދި މުޅި މުބާރާތުން ގަދަ ތިނެއް ވެސްއް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުން ވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވާނެ އެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 އިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިދިޔަ އަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ ޖޫން 30 އިން ޖުލައި 7 އަށެވެ. އެ މުބާރާތުގައި 119 މުއައްސަސާއަކުން ބައިވެރިވެފައިވެ އެވެ.