ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސް ޤައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނިކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ދެއްވި ބަޔާނުގައި ނައިބު ރައީސް ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސް އަށް ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން މިހާރު ކުރިމަތިވާ ނަހަމަކަން ފާހަގަކުރައްވާފަ އެވެ. އަދި ވިލުންތެރި ގޮތެއްގައި ދަރަނީގެ މައްސަލަ ޙައްލުކުރުމަށް ރާއްޖެ ގެންގުޅޭ ސިޔާސަތަށް އަލިއަޅުއްވާލެއްވި އެވެ.
ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ބޭރުން އަންނަ ލޮޅުންތަކުން އަރައިގަތުމަށާއި، ތަރައްޤީގެ އަސާސީ ބޭނުންތައް ފުއްދުމަށް، ސިޑްސް އަށް ދަރަނި ނަގަން މަޖުބޫރުވަނީ، އަދި ދަރަންޏަށް ބަރޯސާވާން މަޖުބޫރު ވަނީ، ކޮންސެޝަނަލް ފައިނޭންސް ލިބުމުގެ ޝަރުޠުތައް ހަމަނުވާތީކަ މަށެވެ. އަދި އެ ސަބަބާހުރެ، އަދިވެސް، މި ޤައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނިކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީއަށް ޤައުމުތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި ސެވީލް ކޮމިޓްމަންޓަށް ހަރުދަނާ ސިފައެއްގައި ޢަމަލީ ސިފަ ގެނައުމަށާއި މި ލަނޑުދަނޑި ޙާޞިލުކުރުމަށް ހިތްވަރާއި އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އަދި ދުނިޔޭގެ މާލީ ނިޒާމު އިޞްލާޙުކުރަން ޖެހޭކަމަށް ވިދާޅުވެ، މިހާރުގެ ނިޒާމަކީ ގިނަފަހަރަށް އެންމެ ނާޒުކު ޤައުމުތައް ބާކީކުރާ ނިޒާމެއް ކަމަށްވެސް ވިދާޅުވި އެވެ. ނައިބު ރައީސް ވަނީ، 2030 ގެ އެޖެންޑާ ތަންފީޒުކުރުމުގައި ކޮންމެ ޤައުމެއްގެވެސް ޚާއްޞަ ޙާލަތަށް ރިޢާޔަތްކުރުމަށް ވަކާލާތު ކުރައްވާފަ އެވެ. އަދި ޤައުމީ ފެންވަރުގައި ޤާބިލުކަން ބިނާކުރުމަށާއި، ދަރަނިން ޙަޤީޤީ ލުއި ލިބޭނެ ގޮތްތައް ހޯދުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.