ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.
ރައީސްގެ ދެކަނބަލުން މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހީންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ.
ބައްދަލުކުރެއްވުމުގެ ބައިވެރީންނަށް ރައީސްގެ ދެކަނބަލުން ވަނީ ފަރީއްކޮޅެއްވެސް ދެއްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މިހާރަށްވުރެ ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކުން މަޝްވަރާކުރައްވާފައިވެ އެވެ. މިގޮތުން ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، ފަހުމުނާމާތަކުގައި ސޮއިކުރައްވާފައިވެ އެވެ.
މީގެއިތުރުން ސިންގަޕޫރުގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.