Last Updated: July 3, 11:27
Thursday, July 3, 2025
ޚަބަރު

ތޯރިގު ޕީއެންސީއަށް ވެއްދި މައްސަލަ ފައިލްކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު, އޮޅުވާލައިގެން ޕީއެންސީ އަށް ވެއްދި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ދައު ވާކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ މައްސަލަ ފައިލްކޮށްފި އެވެ.

މިއަހަރުގެ ކުރީކޮޅު ތޯރިގު ފުލުހުންގެ އިދާރާ އަށް ފޮނުވި ސިޓީގައި ވިދާޅުވީ އޭނާ ޕީއެންސީއަށް ވެއްދުމަށްޓަކައި ހުށަހަޅާފައިވާ ފޯމުގައި ޖަހާފައިވަނީ އޭނާގެ ފޮޓޯއާއި ސޮއި އަދި ފިންގަޕްރިންޓް ނޫން ކަމަށެވެ. އަދި އެ ފޯމުގައި ހެކީންގެ ގޮތުގައި ނަން ޖަހައި ސޮއިކޮށް، ފިންގަޕްރިންޓް ޖަހާފައިވަނީ އޭނާ ދަންނަ ބައެއް ނޫން ކަމަށް ތޯރިގުގެ ސިޓީގައި ވެ އެވެ.

ތޯރިގު ވަނީ ފުލުހުން ފިންގަޕްރިންޓާއި ފޮޓޯ އަދި ސޮއި ފޮރެންސިކް ތަހުލީލުކޮށްގެން ބެލުމަށްފަހު، ފޯމުގައި ޖަހާފައިވަނީ ކާކުގެ ފޮޓޯއެއް ކަމާއި، ފިންގަޕްރިންޓް އަދި ސޮއިކަން އޭނާއަށް އަންގައިދިނުމަށް އެދިފަ އެވެ. އަދި ފޯމުގައި ހެކީންގެ ގޮތުގައި ނަން ޖަހާފައިވާ ދެ ފަރާތުން ކޮށްފައިވަނީ އެ ފަރާތްތަކުގެ ސޮއި އަދި ފިންގަޕްރިންޓްކަން ކަށަވަރުކޮށްދޭން ވެސް ސިޓީގައި ވަނީ އެދިފަ އެވެ.

މައްސަލަ ފައިލްކޮށް ތޯރިގަށް ފުލުހުން ފޮނުވި ލިޔުމުގައި ބުނީ އެ ފޯމަކީ ސައްހަ ފޯމެއް ނޫންކަން ފުލުހުންގެ ތަހުގީގަށް ފެންނާތީ، އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގި ކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން 5000 ރުފިޔާއިން ޕީއެންސީ ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުންގެ ލިޔުމުގައިވެ އެވެ.

ނަމަވެސް އެ ލިޔުން ނިންމައިލަމުން ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި ޖިނައީ ދައުވާއެއް އުފުލޭ ވަރުގެ ހެކި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލަ މިހާރު ފައިލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ޖިނާއީ ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"މި މައްސަލައިގައި ޖިނާއީ ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ، މި ހިދުމަތުގައި މައްސަލަ ފައިލް ކުރެވިފައިވާ ވާހަކަ ދެންނެވިން،" ފުލުހުންގެ ލިޔުމުގައި ބުންޏެވެ.