ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމަށް، އިސްރަށްވެހިންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުމެއް ލޯކަލް މިނިސްޓްރީން ބާއްވައިފި އެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމަކީ، ރަށްރަށާއި ޤައުމެއްގެ ހައިސިއްޔަތުން ކުރިއަށްދާންވީ މިސްރާބު އެނގިގެންދާނެ ކަމެއް ކަމަށެވެ. އަދި މި މަސައްކަތުގައި އިސްރަށްވެހިންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ވިދާޅުވި އެވެ.
އުފާވެރިކަމުގެ މިންގަނޑެއް ކަނޑައެޅިއްޖެ ނަމަ، އާންމު ޙާލަތު ދެނެގަތުމަށް މަސައްކަތެއް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި، ނިސްބަތުން ކަންކަން ހުންނަ ގޮތް އަޅައިބަލައި، ކަންކަން ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ރަށްރަށުގެ އިޤްތިޞާދީ، އިޖްތިމާޢީ ޙާލަތު ދެނެގަތުމަށް އިތުރު ފަސޭހަތަކެއް މި ކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި، އިސްރަށްވެހިންގެ ޖަމްޢިއްޔާގެ މެންބަރުންގެ ތެރޭން މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ވަރަށް ބިނާކުރަނިވި ޚިޔާލުތަކެއް ހުށަހަޅައި ރަނގަޅު މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ދިވެހިންގެ އުފާވެރިކަން މިންކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހުކުރީ މި އަހަރުގެ ފެބްރުއަރީ ދެވަނަ ދުވަހު އެވެ.