Last Updated: July 3, 11:57
Thursday, July 3, 2025
ކުޅިވަރު

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓާ އަށް

ޔުވެންޓަސް 1-0 އިން ބަލިކޮށް ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފި އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ލީޑު ނަގަން ޔުވެންޓަސްގެ ފޯވާޑް ކޯލޯ މުއާނީ އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން މުއާނީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން ޔުވެންޓަސްގެ ކެނަން ޔިލްޑިޒް ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލުން ދިޔައީ ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 54 ވަނަ މިނެޓްގައި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ޔުވެންޓަސްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ގޮންޒާލޯ ގާސިއާ ވަނީ ރެއާލަށް ލީޑު ނަގައި ދީފަ އެވެ.

މި ގޯލަށްފަހު ވެސް ރެއާލުން ވަނީ ޔުވެންޓަސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެ ހަމަލާތައް ދިފާއުކުރުމުގައި ޔުވެންޓަސްގެ ކީޕަރު މިޝޭލޭ ޑި ގްރެގޯރިއޯގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

ކްލަބް ވޯލްޑް ކަޕްގެ ކުއާޓާގައި ރެއާލް ބައްދަލުކުރާނީ ބްރޫޝިއާ ޑޯޓްމަންޑް އާއި މޮންޓެރޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.