Last Updated: July 3, 10:47
Thursday, July 3, 2025
މުނިފޫހިފިލުވުން

މިއޮތީ ޝަނާޔާ ތައާރަފުކުރާ ފިލްމުގެ ޓްރެއިލާ

ފިލްމީ އާއިލާއަކުން ބޮލީވުޑަށް ތައާރަފުވާ ޝަނާޔާ ކަޕޫރްގެ ފިލްމު "އާނކޯ ކީ ގުސްތާކިޔާ" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ޓްރެއިލާ އާންމުކުރުމާ އެކީ ވަރަށް ގިނަ ބަޔަކު ވަނީ ޓްރެއިލާ ވަރަށް ވެސް ހިތްގައިމު ކަމަށާއި މިއީ ވަރަށް ރީތި އަދި ވަރަށް ޝައުގުވެރި ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުނެފަ އެވެ.

މި މަހުގެ 11 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ "އާނކޯ ކީ ގުސްތާކިޔާ" ގައި ކިޔައި ދޭނީ ލޯފަން މިއުޒިޝަނަކާއި ސްޓޭޖް ތަމްސީލު ކުޅޭ ބަތަލާއަކާ ދެމެދު އުފެދޭ ގުޅުމެއްގެ ވާހަކަ އެެވެ. ވިކްރާންތު މަސީ ބަތަލުގެ ރޯލު ކުޅެފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ސަންތޯޝް ސިންގެވެ.

"އާނކޯ ކީ ގުސްތާކިޔާ" އަކީ ޕްރޮޑިއުސަރުން ކަމަށްވާ މާންސީ ބަގްލާ އާއި ވަރޫން ބަގްލާގެ ފިލްމު ކުންފުނި، މިނީ ފިލްމްސް އާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

މިއިން ތައާރަފުކުރާ ޝަނާޔާ އަކީ އެކްޓަރު ސަންޖޭ ކަޕޫރްގެ ދަރިއެކެވެ. ސަންޖޭ އަކީ ބަތަލާ ސޯނަމް ކަޕޫރް ބައްޕަ އެކްޓަރު އަނިލް ކަޕޫރާއި، އަރުޖުން ކަޕޫރާއި އާއި ޖާންވީ ކަޕޫރްގެ އިތުރުން ހުޝީ ކަޕޫރްގެ ބައްޕަ ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ކޮއްކޮ އެވެ.

ޝަނާޔާގެ ފުރަތަމަ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ކުޑަތަންވަމުން އަންނަ އިރު، އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޑައިރެކްޓަރު ބިޖޯއި ނަމްބިއާގެ "ތޫ ޔާ މޭ" އާއި މަލަޔާޅަމް އެކްޓަރު މޯހަންލާލުގެ ޕީރިއަޑް ފިލްމު "ރުޝުބާ" އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ސީރީޒް "ސްޓޫޑެންޓް އޮފް ދި އިޔާ 3" ގެ އިތުރުން އެކްޓަރު އަބޭ ވަރުމާއާ އެކީ ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.