Last Updated: July 3, 14:17
Thursday, July 3, 2025
ޚަބަރު

ބޮޑުކަންނެލީގެ މަސްވެރިންނާ ގުޅޭ ކުއްލި މައްސަލައެއް

ބޮޑުކަންނެލީގެ މަސްވެރިންނަށް ހުރި ދަތިތަކާ ގުޅޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދެވެ.

މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 40 މެންބަރުންގެ އިއްތިފާގުންނެވެ.

ކުއްލި މައްސަލައާ ގުޅޭ ގޮތުން ޒިޔާދު ވިދާޅުވީ މަސްވެރިން ބާނާ މަސް، މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކޮށް ބޮޑު ކަންނެލީގެ މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭނެ ގޮތް ހެދުމާއި ބޮޑު ކަންނެލީގެ އަގު 80-100ރ. އާ ދެމެދުގައި ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ.

އޭނަ ވިދާޅުވީ އެ ވައުދު މިއަދާ ހަމައަށް ވެސް ފުއްދިފައި ނުވާ ކަމަށާއި ބޮޑުކަންނެލީގެ މަސްވެރިން ބާނާ ކަންނެލި ކިރޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި ކަންނެލި ކިރުމަށް ފަހު ފައިސާ ލިބުން ލަސްވަމުންދާ ކަމަށާއި މަސްވެރިކަން ކުރުމަށް ހުރި ދަތިތައް އިތުރުވަމުންދާކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.