Last Updated: July 3, 14:13
Thursday, July 3, 2025
ޚަބަރު

ދުންފަތުގެ ވިޔަފާރި ހުއްދަ ނަގަން ހަނދާންކޮށް ދީފި

ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި އަށް ނަގަން ޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މި މަހު ހަމަވާތީ ލައިސަންސް ނަގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަނދާންކޮށް ދީފި އެވެ.

ހުއްދަ ނަގަން އެތަނުން ދީގައި އޮތް ތިން މަސް ދުވަހުގެ މުއްދަތު ހަމަވާނީ މި މަހުގެ 17 އަށެވެ. އެހެންވެ އެ ތާރީހުގެ ކުރިން ހުއްދަ ނަގަން އެދިފައިވެ އެވެ. ހުއްދަށް އެދުމުގެ ފުރުސަތަށް ހުޅުވައިލީ އެޕްރީލް 17 ގަ އެވެ.

އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަން ޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކަށް oneGov ޕޯޓަލް މެދުވެރިކޮށް އެދެވޭނެ ކަމަށެވެ. އެގޮތުން ދީފައި އޮތް ތާރީހަށް ފަހުގައި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްތައް ކުރުން މަނާވާނެ އެވެ.

ދުންފަތުގެ ބާވަތްތައް އިމްޕޯޓް ކުރުމަށާއި، ރީ-އެކްސްޕޯޓް ކުރުމަށާއި އަދި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނު އަދި އެ ޤާނޫނުގެ ދަށުން ޢާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާއްމު ގަވާއިދުގައި ބަޔާން ކުރާ ގޮތުގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަން ޖެހޭނެ އެވެ.