ސްރީ ލަންކާގައި ތަރައްގީކޮށްފައިވާ އިންޓަގްރޭޓެޑް ރިސޯޓް "ސިޓީ އޮފް ޑްރީމްސް" ހުޅުވަން އަންނަ މަހު ބާއްވާ ކުލަގަދަ ހަފުލާގައި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ދައުވަތު މިހާރު އޭނަ އަށް ފޮނުވައި، އިވެންޓް އިޝްތިހާރު ވެސް ކުރަމުން އަންނަ އިރު "ސިޓީ އޮފް ޑްރީމްސް" ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 2 ގަ އެވެ.
އެ ރަސްމިއްޔާތަށް ޝާހްރުކް ދާ ގޮތަށް ހަމަޖެހުނު އިރު، އޭނަ އެންމެ ފަހުން ލަންކާ އަށް ދިޔައީ މީގެ 21 އަހަރު ކުރިން 2004 ގަ އެވެ. އެއީ ޝާހްރުކް ކުރިން "ޓެމްޕްޓޭޝަން" ގެ ނަމުގައި ބާއްވަމުން އައި ޓުއާގެ ތެރެއިންނެވެ. އެގޮތުން ލަންކާ ޝޯއެއް ދީފައި ވަނީ ޑިސެމްބަރު 11، 2004 ގަ އެވެ.
ލަންކާގެ ޓޫރިޒަމް ސިނަމާއަތަށް ބޮޑު ކުރިއެރުމެއް ގެނުވާނެ "ސިޓީ އޮފް ޑްރީމްސް" އަކީ ޖޯން ކީލްސް ހޯންޑިން (ޖޭކޭއެޗް) އާއި މެލްކޯ ރިސޯޓްސް އެންޑް އެންޓަޓައިންމަންޓް (އެމްއާރްއީ) ގެ ޖޮއިންވެންޗާއެއްގެ ދަށުން ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. މިއީ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.